ދިވެހިންނަކީ ބޮނޑިއެއް ނުލިބެނީސް އެއްވެސް ކަމަކާ އަޅާލާ ބައެއް ނޫނޭ އަހަރެމެން ކިޔަމެވެ. އެކަމަކު އެއީ ވެސް ދޮގެކެވެ. ނީލަން ފިހާރާގައި އަނދައި ހުލިވެގެން އެ ދިޔައީ 10 ވަނަ ފަހަރަށެވެ. ކޮންމެ ފަހަރަކު ވެސް ދުންގަނޑު އޮބިގެން ދާއިރު ކަމުގެ ސީރިއަސްކަން ވެސް ކެނޑި ހުރިހާ ކަމެއް ހަނދާން ނެތެނީ އެވެ. -- ނިރުފެހިގޭގެ އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވި ހަނދާންތައް ވެސް އެ މީހުންނާ އެކު ވަޅުލެވުނީ އެވެ.

ނީލަން ފިހާރައެކޭ ކިޔަސް ބާ މުދަލުގެ ގޮނޑެއް ގޮތަށް އެއްވެސް އިންތިޒާމެއް، ރައްކާތެރިކަމެއް ނެތި މާލޭގެ ގޭސް ފިހާރަތަކާއި ޕެޓްރޯލް ޝެޑަކާ ވެސް ކައިރީގައި މިތަން ހިންގަމުން ދިޔަ ގޮތާއި މާޒީން ފެންނަނީ ކަންކަން ކުރުމުގެ ނިޔަތެއް ނެތުމާއި ގާނޫނު ތަންފީޒު ނުކުރެވޭ ކަމެވެ.

އަލިފާނުގެ ކޮންމެ ހާދިސާ އަކީ ވެސް ހިތާމަވެރި ކަމެކެވެ. އެކަމަކު، ނީލަން ފިހާރައިގައި އިއްޔެ ރޯވެ، އެތަން އަނދައި އަޅިއަށް ވިއިރު ވެސް އެކަމާ ހިތާމަކުރި މީހަކު ނުވި އެވެ. އެންމެންނަށް ވެސް ބުނެވުނީ އެކައްޗެކެވެ. "އެއީ ކީއްކުރާ ތަނެއް ހެއްޔޭ އެވެ؟"

އެހެން ބުނަން ޖެހޭ ސަބަބުތައް ވެސް ބައިވަރެވެ. އެއް ކަމަކީ މާލޭގެ މިއޮއް ތޮއްޖެހިފައި އޮތް ރަށުގައި ބޮޑު ސަރަހައްދެއް އެއްވެސް ބޭނުމެއް ނެތް ގޮތަކަށް ދޫކޮށްލައިފައި އޮތް އޮތުމެވެ. އަނެއް ކަމަކީ، އެ ވިޔަފާރީގައި އެއްވެސް އިންސާފެއް ނެތުމެވެ. މާލޭގައި އެތައް ބަޔަކު ބޮޑެތި އަގުތަކުގައި ގުދަންތައް ކުއްޔަށް ހިފައިގެން ވިޔަފާރި ކުރާއިރު، ހަމަ އެވަރުގެ ސަރަހައްދެއް، އަމިއްލަ އަށް އިން ވަކިކޮށްގެން، އެ ތިބެނީ ހިލެ އެވެ. ސަރުކާރަށް ދައްކަން ޖެހޭ ޓެކްސްއެއް ނުދައްކަ އެވެ. ވިޔަފާރި ރަޖިސްޓްރީއެއް ނުކުރެ އެވެ. އަނެއްކޮޅުން ބާއެއްޗެހީގެ ގޮތުގައި، ރާއްޖެ އިން ބޭރުން ވެސް އެއްޗެހި ގެނެސްގެން ވިއްކަނީ އެވެ. އެ ތަން އޮންނަނީ ވިޔަފާރީގެ އެއްވެސް ގާނޫނެއް ހިނގާ ތަނެއްގެ ގޮތުގައެއް ނޫނެވެ.

ނީލަން ފިހާރަ ދުވަސްގަނޑެއް ކުރިން: މިއީ ހުންނަން ޖެހޭތޯ ސުވާލު އުފެދޭ-- މިހާރު ފައިލް ފޮޓޯ
ނީލަން ފިހާރަ ދުވަސްގަނޑެއް ކުރިން: މިއީ ހުންނަން ޖެހޭތޯ ސުވާލު އުފެދޭ-- މިހާރު ފައިލް ފޮޓޯ

ނީލަން ފިހާރަ މި ފަހުން އެންމެ ބޮޑަށް މަޝްހޫރުވެފައި އޮތީ ރަށުތެރެއިން ވަގަށް ނަގައިގެން ގެންދާ ފައިވާނާއި އޭތި މީތި ގެންދިއުމުން ކުޑަ އަގެއްގައި ގަނެގެން އަލުން އެ ވިއްކާ ބާޒާރެއްގެ ގޮތުގަ އެވެ. އެހެން ނޫނަސް ޖެހުނު ކޮންމެ މީހަކު ކޮންމެ އެއްޗެއް ވިއްކަމުން ދިޔައީ އެވެ. އެތަނަށް ގެންދާ މުދަލަކީ، ކޮންތާކުން ކިހިނެއް އައި މުދަލެއް ކަން އެނގޭ މީހަކު ނުހުރެ އެވެ. ގެއަކުން ކިތަންމެ އަގުބޮޑު އެއްޗެއް ވަގަށް ނަގައިގެން ވެސް ގޮސް އެތަނަށް ދިޔައީމަ އެތާނގައި ތިބޭ ބައެއް މީހުން އެ އަގުހެޔޮކޮށް ގަނެގެން އަގުބޮޑު ކޮށް ވިއްކަނީ އެވެ. ނީލަން ބާޒާރުން ތަންކޮޅެއް ނުލިބޭ މީހާ، އެ މަގުގައި މޭޒެއް ބަހައްޓައިގެން ވެސް ވިޔަފާރި ކުރަންވީ އެވެ. އެއްވެސް ހަމައެއްލަމައެއް ނެތެވެ. އެ ސަރަހައްދު އެންމެ ފަހުން މަޝްހޫރުވީ ވެސް، ޑްރަގްގެ ވިޔަފާރި ހިންގާ މީހުންނާއި ޑްރަގް މީހުންގެ ކުދިކުދި އައްޑާތައް ހިންގާ ސަރަހައްދުގެ ގޮތުގަ އެވެ.

ނީލަން ބާޒާރު މިހާރު އޮތް ސަރަހައްދަށް ބަދަލުކުރީ ވެސް އެންމެ ފަހުން، ނީލަން ބާޒާރު ޓީޖެޓީ ސަރަހައްދުގައި އޮތް އިރު ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު އެވެ. އެކަމަކު، އޭރު އެ ނިންމުން ނިންމި އިރު ނުވިސްނުނު އެކައްޗަކީ ނީލަން ބާޒާރަކީ "ފަސޭހައިން ރޯވާ" އަދި "ފަސޭހައިން ރޯކޮށްލާ" ތަނެއް ކަމެވެ. ފަހުން ބަދަލުކުރި ސަރަހައްދަކީ، ގޭހާއި ޕެޓްރޯލް އިންތިހާ އަށް ގެންގުޅޭ ސަރަހައްދެއް ކަމެވެ. އިއްޔެގެ ހާދިސާގައި ކަމަކަށް ވާ ވަރުގެ ކަމެއް ދިމާވީހީ، ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުން ނަމަ، މި ނޫން މޫސުމެއްގައި، ހުޅަނގުން ވައި ޖެހޭ ދުވަސްވަރެއް ނަމަ އެވެ.

ނީލަން ފިހާރައިގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އެތަނުން އަނދައިފައި: ބޮޑު ގެއްލުމެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނީލަން ފިހާރައިގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އެތަނުން އަނދައިފައި: ބޮޑު ގެއްލުމެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނަސީބު އަހަރެމެންގެ ކޮޅަށް މިފަހަރު ބުރަ ވިޔަސް ވިސްނަންވީ ކަމަކީ މި އެވެ؛ ނީލަން ފިހާރައެއް މާލެ އަކަށް ބޭނުމެއް ނުވެ އެވެ. ނީލަން ފިހާރައަކީ ހުންނަން ޖެހޭ ތަނެއް ނޫނެވެ. ބާ މުދާ ވިއްކާ ނަމަ، އެ ބަޔަކު އަމިއްލަ އަށް އެ ވިއްކާނެ ގޮތެއް ހޯދާނެ އެވެ. އެއީ ސަރުކާރުން ބިން ދީގެން ކުރުވަން ޖެހޭ ކަމެއް ނޫނެވެ.

އެކަމަކު ސަރުކާރުގެ ޕްލޭންތައް އަދިވެސް ހުރީ އެގޮތަކަށް ނޫނެވެ. ސަރުކާރުގެ އަދިވެސް ވިސްނުމަކީ ނީލަން ބާޒާރެއް ބޭއްވުމެވެ. އަދި، އެ ބާޒާރަކީ ޒަމާނީ ފެންވަރުގެ ބާޒާރަކަށް ވެސް ހެދުމެވެ. އުފެދޭ ސުވާލަކީ މި އެވެ؛ އޭގެ ފަހަތުގައި ހާސިލްވާ ކާމިޔާބަކީ ކޮން އެއްޗެއް ހެއްޔެވެ؟ ނަތީޖާއަކީ ކޮބައިހެއްޔެވެ؟ ޙާސިލް ކުރަން މި އުޅެނީ ކޮން ކަމެއް ހެއްޔެވެ؟