މެދުއިރުމަތީގެ ހަނގުރާމައިގައި އީރާނުގެ ހަކަތައާ ބެހޭ ވަސީލަތްތަކަށާއި އުފެއްދުންތެރިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދަނިކޮށް، 200 ބިލިއަން ކިއުބިކް މީޓަރަށްވުރެ ގިނަ ގުދުރަތީ ގޭސް ހުރި ސަރަހައްދެއް ފެނިފައިވާކަން އީރާނުން އާދީއްތަ ދުވަހު އިއުލާނުކޮށްފި އެވެ.

"ފާރްސް ޕްރޮވިންސްގެ ދެކުނުން ގުދުރަތީ ގޭހުގެ އާ ރިޒާވްތަކެއް ވަނީ ފެނިފައި،" ދައުލަތުގެ ޓީވީއަށް މައުލޫމާތު އީރާނުގެ ޕެޓްރޯލިއަމް މިނިސްޓަރު މުހްސިން ޕަކްނޭޖާދު ވިދާޅުވި އެވެ.

އެ ސަރަހައްދުން 160 ބިލިއަން ކިއުބިކް މީޓަރަށްވުރެ ގިނަ ގޭސް ނެގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ސިފަކުރެއްވި ގޮތުގައި މިއީ "ސުވީޓް ނެޗުރަލް ގޭސް" ނުވަތަ ރައްކާތެރި ގުދުރަތީ ގޭހެވެ. މީގެ މާނައަކީ އޭގައި ނުރައްކާތެރި ކެމިކަލެއް ކަމަށްވާ ހައިޑްރޮޖަން ސަލްފައިޑް އެކުލެވޭ މިންވަރު މަދުވުމެވެ. އެހެންވެ، ގޭސް ނެގުމަށާއި ތަރައްގީކުރުމަށް ހިނގާނެ ހަރަދުތައް ވަރަށް ބޮޑަށް ކުޑަވެގެންދާނެ އެވެ.

ބްލޫމްބާގް މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ސަރަހައްދުން އަމަލީ ގޮތުން ގޭސް ނަގަން ފެށުމަށް އަދި ގިނަ އަހަރުތަކެއް ނަގާނެ އެވެ.

ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކާ އެކު މެދުއިރުމަތީގައި ހަނގުރާމަ ފެށުނު ފަހުން، އީރާނުގެ ހަކަތައާ ބެހޭ ދާއިރާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ހަނގުރާމާގައި ވަނީ އީރާނުގެ ގޭސް އުފައްދާ މަރުކަޒުތަކާއި، ތެޔޮ ރައްކާކުރާ ގުދަންތަކުގެ އިތުރުން ހަކަތަ އުފުލާ މަގުތަކާއި ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާތައް ދީފަ އެވެ. -- އޭއެފްޕީ