ކާރިސާތަކުގައި ސަރުކާރުން ހިއްސާކުރާ މައުލޫމާތު އާންމުންނަށް އަވަހަށް ފޯރުކޮށްދިނުމުގެ މުހިއްމުކަން ނެޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ނޫސްވެރިންނަށް މިއަދު ކިޔައިދީފި އެވެ.
ކާރިސާތަކުގައި ނޫސްވެރިން އަދާކުރަން ޖެހޭ ދައުރާ ބެހޭ ގޮތުން އެންޑީއެމްއޭ އިން މިއަދު ބޭއްވި ވޯކްޝޮޕްގައި ވަހަކަ ދެއްކި ބޭރުގެ ނޫސްވެރިޔާ ވިދްޔާ ރަނާ ވިދާޅުވީ ކާރިސާތަކުގައި އާންމުންނަށް މައުލޫމާތު އަވަހަށް ހިއްސާކުރަން ޖެހޭނެ ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކުރާ ނަމަ، ލިބޭ ގެއްލުމާއި ގެއްލޭ ފުރާނައިގެ އަދަދު އިތުރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ކާރިސާތަކުގައި ނޫސްވެރިންގެ އަދާކުރާ ރޯލާ ގުޅޭގޮތުން ވެސް އޭނާ ވާހަކަ ދެއްކެވި އެވެ. އަދި ކާރިސާއެއް ދިމާވުމުން އެކަމާ ގުޅޭގޮތުން ހޭލުންތެރި ކުރުމުގެ މުހިއްމު ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި އެފަދަ ހާލަތަކަށް ސަރުކާރުން ތައްޔާރުވެފައިވާ މިންވަރާއި އަދި އާންމުންގެ އަމަލުތައް ބަހައްޓާ ގޮތާ މެދު ވެސް އާންމުން ހޭލުންތެރިކުރުން މުހިއްމު ކަމަށް ވިދްޔާ ވިދާޅުވި އެވެ.
މީގެ ނުވަ އަހަރު ކުރިން 2010 ވަނަ އަހަރު ހެއިޓީ އާއި ޗިލީއަށް ދިޔަ ދެ ބިންހެލުމުގެ މިސާލު ނަންގަވަމުން ވިދްޔާ ވިދާޅުވީ ކާރިސާތަކަށް ދުރާލާ ތައްޔާރުވުމަކީ މުހިއްމު ކަމެއް ކަމަށެވެ. ހެއިޓީ އަށް ވުރެ ޗިލީ އަށް އައި ބިންހެލުން ވަރުގަދަވި ނަމަވެސް، ޗިލީއިން މަރުވީ 500 އެއްހާ މީހުންނެވެ. ނަމަވެސް ހެއިޓީން އެ އަހަރު 316،000 މީހުން މަރުވި އެވެ.
"ކާރިސާއަކަށް ދުރާލާ ތައްޔާރުވެފަިއ ހުންނަ ގައުމުތަކާއި ތައްޔާރުނުވާ ގައުމުތަކަށް ލިބޭ ގެއްލުންތައް ވަރަށް ބޮޑު. ދުރާލާ ތައްޔާރުވުން ވަރަށް މުހިއްމު،" ވިދްޔާ ވިދާޅުވި އެވެ.
މި ވޯކްޝޮޕުގައި ހަތަރު ނޫސްވެރިއަކު ބައިވެރިވި އެވެ. އަދި ބޭރު ގައުމުތަކަށް ދިމާވެފައިވާ ހާދިސާތަކުން މިސާލު ނަގައި، ދިވެހި ނޫސްވެރިން ވެސް އެގޮތަށް ރިޕޯޓް ކުރަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.