ނ. ލަންދޫގެ މަޝްހޫރު މާބަދުގެ ސަރަހައްދުން މި ހިރިގާ ފެނުނީ 2001 ވަނަ އަހަރު އެވެ. އެ ގަލުގައި އިހުޒަމާނުގެ ލިޔުންތަކެއްވެ އެވެ. ދިރާސާވެރިން އިއްތިފާގުވާ ގޮތުގައި އެއީ ރާއްޖޭން މިހާތަނަށް ފެނުނު އެންމެ ދުވަސްވީ ލިޔުމެވެ.
ގައުމީ ދާރުލްއާސަރުގައި އެ ގާ އޮންނަތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ. އެކަމަކު، އިއްޔެ ދާރުލްއާސާރުން އެ ގަލުގެ ފޮޓޯތަކެއް ޓުވީޓްކުރުމާ އެކު ލިބުނީ މާ ބޮޑު ސަމާލުކަމެކެވެ.
އެންމެންގެ ވެސް އެންމެ ބޮޑު ސުވާލަކަށްވީ، އޭގައި ލިޔެފައި އޮތް އެއްޗަކާ މެދުގަ އެވެ.
ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި، އެ ގަލުގެ ހަތަރު ފަރާތުގައި ލިޔެފައި ވަނީ މީލާދީން ހަ ވަނަ ގަރުނުގައި ބޭނުންކުރި ނުވަތަ ޕައްލަވަ ޒަމާނުގެ ދެކުނު ބްރަހްމީ އަކުރުންނެވެ. އަދި އޭގައި ލިޔެފައި ވަނީ، ވަޖުރަޔާނާ ބުޑިޒަމްގެ ފަންޑިތަ ކަމުގައި ވެސް ތާރީހު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވެ އެވެ.
ރާއްޖެ އިސްލާމީވުމުގެ ވެސް މާ ކުރީގެ ތާރީހެއް އޮތް އޭގެ ދެ ހިރިގާ ލަންދޫން ފެނުނެވެ. ދެވަނަ ގާ އޮތީ ލަންދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގަ އެވެ. އެ ގަލުގައި ވެސް ހުރީ ހަމަ މި ކަހަލަ ލިޔުމެކެވެ.
ލަންދޫ މާބުދުގެ މިހާރު ވަރަށް ބޮޑަށް ވީރާނާވެފައިވާއިރު، އިހުޒަމާނުގައި އެތަނުގައި ފައްޅިއަކާއި އިތުރު ކުޑަ ފަސް އިސްތޫޕާ ވެސް ހުރި ކަމަށް ތާރީހީ ލިޔުންތަކުގައިވެ އެވެ. މާބުދު ގެއަކީ ބުޑިސްޓު ދީނުގެ އެކުވެންޏެއް ނުވަތަ މޮނާސްޓްރީއެއް ކަމަށް "އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިޔާ" އިން 1987 ވަނަ އަހަރު ސާވޭކުރަން ރާއްޖެ ފޮނުއްވި ޓީމަކުން ބުނެފައިވެ އެވެ.
އެތަނުގައި ހުރި އިސްތޫޕާ އަކީ އެ އެކުވެނީގެ އެންމެ މައި ސްޓޫޕާ ނުވަތަ ފައްޅި ކަމަށް އެޗްސީޕީބެލްއާ ހަވާލާ ދެއްވައި، ތާރީހު ދިރާސާކުރައްވާ މަޝްހޫރު ނަސީމާ މުހައްމަދު ވެސް ލިޔުއްވާފައިވެ އެވެ.
ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން އަންދާޒާކޮށްފައިވާ ގޮތުގައި ލަންދޫ މާބުދުގެ ފުޅާމިނުގައި 292 ފޫޓު އަދި އުސްމިނުގައި 28 ފޫޓު ހުއްޓެވެ.
މާބުދުގެ ސަރަހައްދުގައި އައުޓްޑޯ މިއުޒިއަމެއް ހަދަން ނިންމާ މި ސަރުކާރުން މިހާރު އަންނަނީ އެ މަސައްކަތް ވެސް ކުރަމުންނެވެ.