ކޮވިޑް-19 ގައި ރާއްޖޭން މަރުވި މީހުންގެ އަދަދު މިއަދު 100 އަށް އެރި އިރު، މި ބަލީގެ ކޮމިއުނިޓީ ސްޕްރެޑަށް ފަހު ރާއްޖޭން ކޮންމެ 3.75 ދުވަހަކުން މީހަކު މަރުވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފި އެވެ.

ކޮވިޑްގައި ރާއްޖޭން މަރުވި 100 ވަނަ މީހާ އަކީ ރޭ ފަތިހު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މަރުވި 56 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭން އެންމެ ފުރަތަމަ ކޮވިޑް ބަލީގައި މީހަކު މަރުވީ އޭޕްރީލް 29، 2020 ގަ އެވެ. އެއީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އޭގެ ފަހުން ހަފުތާއެއްހާ ދުވަސް ފަހުން ދެ ވަނަ މަރަކަށް ގުނުނީ މެއި 7 ވަނަ ދުވަހު 80 އަހަރުގެ ފިރިހެނެކެވެ. މިއީ ދެމަފިރިންނެވެ.

ރާއްޖޭގައި ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަން ރަސްމީކޮށް ކަނޑައެޅިތާ މިއަދަށް މިއީ 375 ވަނަ ދުވަހެވެ. އެ ދުވަހުގެ ފަހުން މިހާތަނަށް 100 މީހުން މަރުވެފައި ވާތީ މިއީ ކޮންމެ 3.75 ދުވަހަކުން މަރެކެވެ. ކުޑަ އާބާދީއަކަށް މިއީ ބޮޑު އަދަދެކެވެ.

ބަލީގެ ހާލަތު އޮތް ގޮތް ވަޒަންކުރުމުގައި އާންމުކޮށް ބޭނުންކުރާ، ކޮންމެ މިލިއަނަކުން ބަލިޖެހޭ މީހުންގެ އަދަދާއި މަރުވާ މީހުންގެ ރޭޓުން ބަލާ ނަމަ ރާއްޖޭގައި ހުރީ ކޮންމެ މިލިއަނަކުން 177 މަރުގެ ރޭޓުގަ އެވެ. މިހާރު ބަލީގެ ހާލަތު އެންމެ ގޯސް އިންޑިއާގައި މި ރޭޓަކީ 197 އެވެ. މި ސަރަހައްދުގެ އެހެން ގައުމުތަކަށް ބަލާއިރު ސްރީ ލަންކާގައި މި ރޭޓް ހުރީ 45 އެވެ. ބަންގްލާދޭޝްގައި 73، ޕާކިސްތާނުގައި 87 އަދި ނޭޕާލްގައި 169 އެވެ.

ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިއަދު 100 އަށް އެރި އިރު ރާއްޖެ މިހާރު އޮތީ ކޮވިޑްގައި މިހާތަނަށް ރާއްޖޭން ތަޖުރިބާކުރާ އެންމެ ނުރައްކާތެރި ހާލަތުގަ އެވެ. ބަލިވާ މީހުން ގިިނަވެ ހޮސްޕިޓަލްތައް ފުރިއްޖެ އެވެ. ސިއްހީ އެހީތެރިން އެކަށީގެންވާ ވަރަކަށް ނެތެވެ. އެއާ އެކު މި މަސް ވެފައި ވަނީ މިހާތަނަށް މި ބަލީގައި އެންމެ ގިނަ މީހުން މަރުވި ވެސް މަހަށެވެ.

މި އަހަރަށް ބަލާއިރު ޖެނުއަރީ މަހު 4، ފެބްރުއީ މަހު 10، މާޗް މަހު 5، އޭޕްރީލް މަހު 6 އަދި މި މަހުގެ މިހާ ހިސާބަށް 27 މީހަކު މަރުވެފައިވެ އެވެ. މިއީ ރާއްޖޭން ކޮވިޑް ފެނުނު ފަހުން ވެސް އެއް މަހެއްގައި އެންމެ ގިނަ މީހުން މި ބަލީގައި މަރުވި މަހެވެ. އަދި އެއް ދުވަހެއްގައި އެންމެ ގިނަ މީހުން މަރުވީ ވެސް މި މަހުގެ ތެރޭގަ އެވެ.

ކޮވިޑްގައި ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު ބޮޑީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ވެފައި ބަލި ފެތުރެން ފެށިތާ ކުރީކޮޅު މަންޒަރު ފެނުނީ އެގޮތަށް ކަމަށް ވިޔަސް ބަލީގައި ބޮޑުވަރުވާ ޒުވާނުންގެ އަދަދު އިތުރުވަމުންދާ ކަމުގެ އިންޒާރު ޑޮކްޓަރުން އަންނަނީ ދެއްވަމުންނެވެ. މިހާތަނަށް މަރުވި މީހުންގެ އުމުރަށް ބަލާއިރު ވެސް މި ފަހުން މަރުވި މީހުންގެ ތެރޭގައި ކުރިއާ އަޅާބަލާއިރު ހަގު މީހުން ގިނަކަން ވެސް ފާހަގަވެ އެވެ. އުމުރުން އެންމެ 30 އަހަރުގެ އަންހެނެއްގެ މަރާ އެކު އިއްޔެ އަކީ މިހާތަނަށް ކޮވިޑްގައި ރާއްޖޭން މިހާ ޒުވާން އުމުރުގެ މީހަކު މަރުވި ދުވަހަށް ވެފަ އެވެ.

ރާއްޖޭގައި މިހާރު ވެސް ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު 16،000 އާ ގާތްކުރެ އެވެ. އެހެންވެ ކޮވިޑަށް ފަރުވާ ދޭ ފެސިލިޓީތަކުން ޖާގަ ނުލިބި ގިނައީ ގޭގައި އައިސޮލޭޓްކޮށްފައި ތިބި މީހުންނެވެ. އެ މީހުންނަށް ބޭނުންވާ އެކި ހިދުމަތްތައް ހޯދުމުގައި ބޮޑެތި އުނދަގޫތައް ކުރިމަތިވެފައި ވާއިރު ބަލި ކޮންޓްރޯލް ނުވާ ނަމަ އަދި މިހާރަށް ވުރެ ވެސް ނުރައްކާވެ ޝަކުވާ ވެސް އިތުރުވުމުގެ ކަންބޮޑުވުން އެބަ އޮތެވެ.