ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މިދިޔަ ފަސް ވަރަކަށް ދުވަހު އާދަޔާ ހިލާފަށް މައްޗަށް ގޮސްފައިވާއިރު، އެޗްއީއޯސީގެ ޚާއްސަ މީޑިއާ ބްރީފިންއެއް މިރޭ ބާއްވަން ނިންމައިފި އެވެ.

މިރޭ 10 ޖަހާއިރު ބާއްވާ މި ބްރީފިންގައި، ބެލެވޭ ގޮތުގައި ކޮވިޑުން ރައްކާތެރިވާން ސަރުކާރުން އަޅާ ފިޔަވަޅުތައް ހާމަކުރާނެ އެވެ. މި ބްރީފިންގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެފައި ވަނީ ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި ފިޔަވަޅުތައް ހަރުދަނާ ކުރަން މިއަދު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް ފަހުން ވިދާޅުވެފައި ވަނީ އެ މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އަށް ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ފުރަތަމަ ފަހަރަށް 500 ހުރަސް ކޮށްފައިވާއިރު، މާލެ ސަރަައްދާއި އެހެން ރަށްރަށަށް ވެސް އެ ބަލި ފެތުރި ހާލަތު ދަނީ ގޯސްވަމުންނެވެ. އެހެންވެ، މާލެ ސަރަހައްދު ނުހިމެނޭ ގޮތަށް، އެއް ރަށުން އަނެއް ރަށަަށް ދިއުން މާދަމާ އިން ފެށިގެން އެޗްޕީއޭ އިން ވަނީ މަނާކޮށްފަ އެވެ.

މިދިޔަ ފަސް ވަރަކަށް ދުވަހުގެ ތެރޭގައި ރާއްޖޭގައި ކޮންމެ ދުވަހަކު އަލަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު އުޅެނީ 400 އިން މަތީގަ އެވެ. މިއީ ރާއްޖޭގެ ހާލަތު ނުރައްކާ ހިސާބަށް ދިއުން ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.