ދަރިވަރުންގެ އިސްލާމާއި ގުރުއާން ފޮތުގައި އިސްލާހުކުރަންޖެހޭ ކަމެއް އޮތް ނަމަ އެކަން އަންގަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ސްކޫލުތަކުގައި މިހާރު ބޭނުންކުރާ އިސްލާމާއި ގުރުއާން ފޮތްތައް އިސްލާހުކުރަމުން އަންނާތީ، އެ ފޮތްތަކުގައި ރަނގަޅުކުރަންޖެހޭ އެއްވެސް ކުށެއް ފާހަގަކުރެވިފައިވާ ނަމަ، އެ ފޮތަކާއި ސޮފްހާ އެނގޭގޮތަށް [email protected] އަށް އީމެއިލްކުރަން އެދޭ ކަމަށެވެ.

ގްރޭޑް އެކެއްގެ ގުރުއާން ފޮތް ޗާޕްކުރިއިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުވި މައްސަލައެއް މި ފަހުން ވަނީ ފާހަގަވެފަ އެވެ. އޭގެ ފަހުން ގްރޭޑު 2 އަދި 12ގެ އިސްލާމް ފޮތްތަކުގައި ވެސް އެފަދަ މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެ، ބައެއް އިލްމުވެރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެހެންވެ، އެ ފޮތްތަކުގައި މައްސަލަ ދިމާވުމަށް މެދުވެރިވި ސަބަބު ބަލައި އިސްލާމާއި ދިވެހި ފޮތްތައް ރިވިއުކުރުމަށް މިނިވަން ކޮމިޓީއެއް ވަނީ އުފައްދައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިދިޔަ ހަފުތާގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ގްރޭޑް އެކެއްގެ ކުދިންގެ ގުރުއާން ފޮތުގައި އާޔަތްތައް ނުބައިކޮށް ހުރުމުން އެކަން އިސްލާހުކޮށްގެން ކިޔަވައިދެމުން ގެންދާތާ ފަސް އަހަރު ވެއްޖެ ކަމަށެވެ.

ފޮތްތައް އެންމެ ފުރަތަމަ ޗާޕުކުރީ ވެސް ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަން (އެންއައިއީ) އާއި އިސްލާމިކް މިނިސްޓްރީ އަދި އިސްލާމިކް ޔުނިވާސިޓީން ވެސް ކުށް ހުރިތޯ ޗެކުކުރުމަށް ފަހު، ފޮތްތައް ފާސްކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ފޮތްތަކުން ކުށް ފެނުމަކީ އާންމުކޮށް ދިމާވާ މައްސަލައެއް. ނަމަވެސް ގުރުއާނުގެ އާޔަތެއްގައި ކުށެއް އޮވެގެން ނުވާނެކަން ގަބޫލުކުރަން. މި ކަމުގައި އިހުމާލެއް އޮތްތޯ އަޅުގަނޑުމެން ބަލާނަން،" މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.