ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓަށް އާ ގްރޫޕެއް އިތުރުކޮށް، ޓެރަރިސްޓު ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު މިއަދު އާކޮށްފި އެވެ.
މީގެ އަށް އަހަރުކުރިން، 2015 ގައި އަމަލުކުރަން ފެށި ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ދިވެހިން ދަތުރުކުރުން މަނާ ހަނގުރާމަވެރި ސަރަހައްދުތައް ރައީސް ކަނޑައަޅުއްވަން ޖެހެ އެވެ. އަދި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ލަފައާ އެކު، ކޮންމެ އަހަރަކު އެއްފަހަރު އެ ލިސްޓު މުރާޖައާކޮށް އާއްމުކުރަން ޖެހެ އެވެ.
ޓެރަރިސްޓް ޖަމާއަތުގެ ގޮތުގައި އިންޑޮނޭޝިޔާގެ ޖަމާއަތެއް އިތުރުކޮށް ހަނގުރާމަވެރި ސަރަހައްދުގެ ގޮތުގައި ސީރިޔާގެ ހުރިހާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅި ނިންމުން ދަމަހައްޓާފައިވެ އެވެ.
ޓެރަރިސްޓް ޖަމާއަތަށް މި ފަހަރު އިތުރުކުރީ އދ. ގެ ސެކިއުރިޓީ ކައުންސިލުން ވެސް ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި 2020 ވަނަ އަހަރު ކަނޑައަޅާފައިވާ ޖަމާ އަންޝާރުއް ދައުލާ "ޖޭއޭޑީ" އެވެ.
ޓެރަރިޒަމްގެ ގާނޫނު ބުނާގޮތުން ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދު ކުރުމާއި އެހީތެރިވުމަކީ ދިގު މުއްދަތުގެ ޖަލު ހުކުމް އަންނަ ކުށެކެވެ. އަދި ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނަކަށް ސަރުކާރުގެ ހުއްދަ ނެތި ދިވެއްސަކު ދަތުރުކޮށްފި ނަމަ، އެއީ ވެސް ޖަލު ހުކުމް އަންނަ ކުށެކެވެ.