ރަސްމީ އެއްވެސް ލިޔެކިޔުމެއް އަދި ރިކޯޑެއް ވެސް ނައްތާނުލަން ދައުލަތުގެ އިދާރާތަކަށް، ގައުމީ އަރުޝީފުން މިއަދު އަންގައިފި އެވެ.

އެތަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ލިޔެކިޔުންތަކާއި ފޮޓޯތަކާއި ޗާޓުތަކާއި ރެކޯޑުތަކުގެ މައުލޫމާތު ބަލަހައްޓަން ވާނީ ގައުމީ އަރުޝީފުގެ ގާނޫނުގެ ދަށުން ކަމަށެވެ. އެ ގާނޫނާ ހިލާފަށް އެއްވެސް ލިޔެކިޔުމެއް ނައްތާލައިގެން ނުވާނެ ކަމަށް، ދައުލަތުގެ ހުރިހާ އިދާރާއަކަށް ފޮނުވި ސާކިއުލާއަކުން ގައުމީ އަރުޝީފުން ވަނީ އަންގައިފަ އެވެ.

ލިޔެކިޔުންތައް ނައްތާނުލަން އަރުޝީފުން މި އެންގީ، ސަރުކާރުގެ ބައެއް އޮފީސްތަކުން ލިޔެކިޔުންތަކެއް ނައްތާލަން މަސައްކަތް ކުރަމުންދާކަމުގެ އަޑު އަރާފައިވާ ދަނޑިވަޅެއްގަ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ސަރުކާރުގެ އެއްވެސް ލިޔުކިޔުމެއް ނައްތާލައިފި ނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ސަރުކާރުގެ މުހިއްމު އެއްވެސް ލިޔެކިޔުމެއް ނައްތާލަން މަސައްކަތް ނުކުރާ ކަމަށެވެ.