ނިއު ދިއްލީ (ޖެނުއަރީ 10) - އިންޑިއާގެ ހުރިހާ ސިނަމާއެއްގައި ވެސް ފިލްމު ދައްކަން ފެށުމުގެ ކުރިން ގައުމީ ސަލާމް ކުޅެން ޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުން ބަދަލުކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުން އިއްޔެ ބަދަލުކޮށްފައި ވަނީ ސިނަމާތަކުގައި ގައުމީ ސަލާމް ކުޅުމާ މެދު އަލުން ވިސްނުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންނެވެ. ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ މި ހުށަހެޅުމާ ގުޅިގެން ބައެއް މީހުންނަށް ވަނީ ހައިރާންކަން ލިބިފަ އެވެ. ސަބަބަކީ ސިނަމާތަކުގައި ގައުމީ ސަލާމް ކުޅެން ޖެހޭ ގޮތަށް ސުޕްރީމް ކޯޓުން މިދިޔަ އަހަރު ނިންމުމާ ގުޅިގެން ބީޖޭޕީން ވަރަށް ބޮޑަށް ތާއީދުކޮށްފައިވާތީ އެވެ.

ސިނަމާތަކުގައި ގައުމީ ސަލާމް ކުޅެމުންދިޔަ އިރު ކޮޅަށް ނުތެދުވި ދެ މީހަކު މިދިޔަ އަހަރު ވަނީ ހައްޔަރުކޮށްފަ އެވެ.

"ގައުމީ ސަލާމް ކުޅެމުންދާ އިރު ގައުމީ ސަލާމަށް ކޮންމެ މީހަކު ވެސް އިހްތިރާމް ކުރުމަކީ ކުރަން ޖެހޭ ކަމެއް. އޭގެ ސަބަބުން މީހުންގެ ހިތްތަކުގައި ގައުމިއްޔަތު އުފެދި އާލާވަމުންދާނެ،" ސުޕްރީމް ކޯޓުން މިދިޔަ އަހަރު ނިންމި ނިންމުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާ ކެރަލާގެ ފިލްމު ކްލަބުން ވަނީ ދެކޮޅު ހަދައިފަ އެވެ. ސިނަމާތަކުގައި ގައުމީ ސަލާމް ކުޅުމަށާއި ގައުމީ ސަލާމަށް ކޮޅަށް ތެދުވުން މަޖްބޫރު ކުރުވުމަކީ އަސާސީ ހައްގުތަކަށް އަރައިގަތުން ކަމަށް ފިލްމު ކްލަބުން ބުނެފައިވެ އެވެ.

މަހާރާސްތުރާ ސްޓޭޓުގައި 2013 ވަނަ އަހަރު ވަނީ ފިލްމު ދައްކަން ފެށުމުގެ ކުރިން ގައުމީ ސަލާމް ކުޅެން އަންގައިފަ އެވެ. އިންޑިއާގެ ސިނަމާތަކުގައި 1960 ގެ އަހަރުތަކުގައި ފިލްމަށް ފަހު ގައުމީ ސަލާމް ކުޅެމުންދިޔަ އެވެ.

ފިލްމު އަޅުވާ އިރު ގައުމީ ސަލާމް ކުޅޭ ގޮތަށް މިދިޔަ އަހަރު ހަމަޖެއްސީ ސްޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ. ޕެޓިޝަނާ ގުޅޭ ގޮތުން ކޯޓުގައި ވަކާލާތު ކުރި ވަކީލް ބުނީ ގައުމީ ސަލާމާ ބެހޭ ގޮތުން ގައިޑްލައިނެއް ނެތުމުން ކޯޓުން އެކަން ފާސް ކުރުން މުހިންމު ކަމަށެވެ. ސުޕްރީމް ކޯޓުން ވަނީ ގައުމީ ސަލާމް ބޭނުންކޮށްގެން ވިޔަފާރީގެ ފައިދާ ނުނެގުމަށާއި ގައުމީ ދިދަ އަށް ވެސް އިހްތިރާމް ކުރުމަށް އަންގައިފަ އެވެ.