ނިއު ދިއްލީ (ޑިސެމްބަރު 14) - އިންޑިއާގެ ސިނަމާއެއްގައި ފިލްމު އެޅުވުމުގެ ކުރިން ގައުމީ ސަލާމް ކިޔަމުން ދިޔަ ވަގުތު ކޮޅަށް ނުތެދުވި 12 މީހަކު ހައްޔަރުކޮށްފި އެވެ.
ކެރެލާ ސްޓޭޓުގެ ޓްރިވެންޑްރަމްގައި އޮތް އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުގައި ގައުމީ ސަލާމަށް އިހުތިރާމް ކުޑަކުރި މީހުން ހައްޔަރުކުރި ނަމަވެސް ފަހުން ވަނީ އެ މީހުން ދޫކޮށްލައިފަ އެވެ. ނަމަވެސް ގައުމީ ސަލާމަށް އިހުތިރާމް ކުޑަކުރުމާއި އެހެން ބަޔަކަށް އުނދަގޫވާ ގޮތަށް އަމަލުކުރުމުގެ ދައުވާ އެ މީހުންގެ މައްޗަށް އުފުލާނެ އެވެ.
ދެކުނުގެ ޗެންނާއީގައި އާދިއްތަ ދުވަހުގެ ރޭ ފިލްމު އެޅުވި ސިނަމާއެއްގައި ގައުމީ ސަލާމަށް ކޮޅަށް ނުތެދުވި އަށް މީހަކަށް ސިނަމާގައި ތިބި އެހެން މީހުން ހަމަލާދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ އަށް މީހުންގެ މައްޗަށް ވެސް ވަނީ ގައުމީ ސަލާމަށް އިހުތިރާމް ނުކުރުމުގެ ދައުވާ އުފުލަން ނިންމައިފަ އެވެ.
ގައުމީ ސަލާމް ކުޅެމުން ދިޔަ އިރު ކޮޅަށް ނުތެދުވި މީހުންނަށް ދައުވާ ކުރަން ނިންމި އިރު އިންޑިއާގެ ހުރިހާ ސިނަމާއެއްގައި ވެސް ފިލްމު ދައްކަން ފެށުމުގެ ކުރިން ސްކްރީނަށް ގައުމީ ދިދަ އަރުވާ ގައުމީ ސަލާމް ކުޅެން ޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ މަހު ފަހުކޮޅު އަންގައިފަ އެވެ. އަދި ގައުމީ ސަލާމް ކުޅޭ އިރު ކޮޅަށް ތެދުވެ ތިބުމަށް ވެސް ވަނީ އަންގައިފަ އެވެ.
މަހާރާސްތުރާ ސްޓޭޓުގައި 2013 ވަނަ އަހަރު ވަނީ ފިލްމު ދައްކަން ފެށުމުގެ ކުރިން ގައުމީ ސަލާމް ކުޅެން އަންގައިފަ އެވެ. އިންޑިއާގެ ސިނަމާތަކުގައި 1960 ގެ އަހަރުތަކުގައި ފިލްމަށް ފަހު ގައުމީ ސަލާމް ކުޅެމުންދިޔަ އެވެ.
ފިލްމު އަޅުވާ އިރު ގައުމީ ސަލާމް ކުޅޭ ގޮތަށް ހަމަޖެއްސީ ސްޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ.