ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދެކަނބަލުން ކޮވިޑް-19 ވެކްސިން މިއަދު ޖައްސަވައިފި އެވެ.
އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވާން ޖަހާ ވެކްސިން، ސެނަހިޔާ ހޮސްޕިޓަލުގައި މިއަދު ޖައްސަވާފައިވާ ކަމަށާއި އެންމެން ވެސް ވެކްސިން ޖަހަން އެދިވަޑައިގަންނަވާ ކަމަށެވެ.
"މާތްﷲ އަށް ހަމްދުކުރަން. މިއަދު ނަސްރީނާ އާއި އަޅުގަނޑު ސެނަހިޔަ ހޮސްޕިޓަލުން ކޮވިޑް ވެކްސިން ޖަހައިފިން. އެންމެން [ބަލިން] ރައްކާތެރިވާން ހިނގާ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ވެކްސިން ޖެއްސެވުމަށް ފަހު ކޮވިޑްގެ "ދިފާއު" ކެމްޕެއިންގެ ޕޯސްޓަރަކާ އެކު ދެކަނބަލުން ފޮޓޯއެއް ނަންގަވައި ޓްވީޓްގައި ހިމަނުއްވާފައިވެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވާން ވެކްސިން ޖަހަން ރާއްޖޭގައި ފެށީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. ދައުލަތުގެ އިސްވެރިންނާއި ސިއްހީ ދާއިރާގެ އެންމެ އިސް ސަފުގައި މަސައްކަތްކުރާ މީހުން އެ ދުވަހު ވެކްސިން ޖަހަން ފަށައި މިހާރު ގެންދަނީ އާންމުކޮށް ވެކްސިން ދެމުންނެވެ.
އިއްޔެގެ ނިޔަލަށް 16،251 މީހުންނަށް ވެކްސިން ޖަހާފައިވެ އެވެ. އިއްޔެ އެކަނި ވެސް 3،306 މީހަކަށް ވެކްސިން ޖެހި އެވެ.