އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި އަންހެނުންގެ ދައުރު ބޮޑުކުރުމަށް، މަޖިލީހުގެ މެންބަރުންގެ އަދަދު ފަސް ބައިކުޅަ ދެ ބަޔަށް އިތުރުކުރުމުގެ ޕްލޭނެއް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އިއުލާނުކުރުމާ އެކު މިއީ ބާރުތައް މުށުތެރެއަށް ލާން މޯދީ ކުރައްވާ ކަމެއްެ ގޮތުގައި އިދިކޮޅުން ސިފަކޮށްފި އެވެ. 

އިދިކޮޅު ޕާޓީތަކުން ބުނަމުންދަނީ މިއީ ވެރިކަންކުރާ ޕާޓީއަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ހީލަތްތެރި ރޭވުމެއް ކަމަށެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވީ، އަންހެނުން ބާރުވެރިކުރުވުމަށްޓަކައި ތާރީހީ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. މި މަސައްކަތުގެ ދަށުން، ގާނޫނު އަސާސީއަށް އިސްލާހު ގެނެސް، އަންހެނުންނަށް ހާއްސަ ގޮނޑިތަކެއް ކަނޑައެޅުމުގެ އިތުރުން، ޕާލަމަންޓުގެ މުޅި ޖުމްލަ ގޮނޑީގެ އަދަދު 800 އަށްވުރެ އިތުރުކުރުމަށް ވަނީ ހުށަހަޅައިފަ އެވެ.

މި ބިލުގެ މަގްސަދަކީ 2023 ވަނަ އަހަރު ފާސްކޮށްފައިވާ ގާނޫނެއްގެ ދަށުން، ޕާލަމަންޓުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަކުރުން އަވަސްކުރުމެވެ. ޕާލަމަންޓުގައި އަންހެނުންގެ ދައުރު ބޮޑުކުރުމަކީ އާންމުގޮތެއްގައި ހުރިހާ ޕާޓީތަކަކުން ވެސް ތާއީދުކުރާ ކަމެކެވެ. ޕާލަމެންޓްރީ އެފެއާޒް މިނިސްޓަރު ކިރެން ރިޖީޖޫ ވިދާޅުވީ އަންހެނުންނަށް ހައްގު މަގާމު ހޯދައިދިނުމަށް ހުރިހާ އެންމެން އެއްބަސްވާ ކަމަށެވެ.

މިހާރު އިންޑިއާގެ ތިރިގެ (ލޯކް ސަބާ) ގެ 543 މެންބަރުންގެ ތެރެއިން އަންހެނުންގެ ނިސްބަތަކީ އެންމެ 14 ޕަސެންޓެވެ.

ދާއިރާތައް އަލުން ކަނޑައެޅުން

ޕާލަމަންޓުގެ ގޮނޑި އިތުރުކުރުމަށްޓަކައި، އާބާދީގެ ނިސްބަތަށް ބަލައި ދާއިރާތައް ކަނޑައަޅާ ގޮތް ބަދަލުކުރުމަށް ސަރުކާރުން ވަނީ ރާވައިފަ އެވެ. މިހެން ހެދުމުން ގޮނޑީގެ އަދަދު ގާތްގަނޑަކަށް 40 ޕަސެންޓް އިތުރުވާނެ އެވެ. ނަމަވެސް، މޯދީގެ ބީޖޭޕީ އަށް އެންމެ ބޮޑު ތާއީދެއް އޮންނަނީ އާބާދީ ބޮޑު އުތުރުގެ ސަރަހައްދުތަކުގައި ކަމަށްވާތީ، މި ބަދަލުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ވެރިކަންކުރާ ޕާޓީއަށް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.

އިދިކޮޅު ޕާޓީތަކުގެ ކޮންޓްރޯލް އޮންނަ ދެކުނުގެ ސްޓޭޓްތަކުގެ އާބާދީ ނިސްބަތުން ކުޑަވުމުން، އެ ޕާޓީތަކުގެ ކަންބޮޑުވުމަކީ ޕާލަމަންޓުގައި އެ މީހުންގެ ބާރު ކުޑަވެގެން ދިއުމެވެ. އިދިކޮޅު ލީޑަރު ރާހުލް ގާންދީ ވިދާޅުވީ، އަންހެނުންނަށް ގޮނޑި ހާއްސަކުރުމަށް ތާއީދުކުރި ނަމަވެސް، ސަރުކާރުގެ މި އަމަލަކީ ބާރުތައް މުށުތެރެއަށްލުމަށް ކުރާ ކަމެއް ކަމަށެވެ.

"ސަރުކާރުން މިހާރު މި ގެންނަ ހުށަހެޅުމަކާ އަންހެނުންނަށް އިސްކަން ދިނުމާ އެއްވެސް ގުޅުމެއް ނެތް. މިއީ ހަމައެކަނި ދާއިރާތަކުގެ އިންތައް ބަދަލުކޮށްގެން ބާރު ހޯދުމަށް ކުރާ މަސައްކަތެއް،" ރާހުލް ގާންދީ ވިދާޅުވި އެވެ.

ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު އެމްކޭ ސްޓާލިން ވެސް ވަނީ މި ޕްލޭނާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި ބީޖޭޕީ އިން މަސައްކަތްކުރަނީ ދެކުނުގެ ސްޓޭޓްތައް ބާކީކޮށްލާށެވެ.

މި ބިލް ފާސްކުރުމަށްޓަކައި ޕާލަމަންޓުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ބޭނުންވާނެ އެވެ.

ސަރުކާރުން ހުށަހަޅާފައިވަނީ 2011 ވަނަ އަހަރުގެ ބޯހިމެނުމަށް ބަލައިގެން ގޮނޑިތައް ކަނޑައެޅުމަށާއި، މި ބަދަލު 2029 ވަނަ އަހަރުގެ އާންމު އިންތިހާބަށް އަމަލުކުރަން ފެށުމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ މިހާރު ކުރިއަށްދާ އާ ބޯހިމެނުމުގެ ނަތީޖާ ލިބެންދެން މަޑުކުރުމަށެވެ.