ނ. މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހަކު ހުއްޓުވި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ދައުވާ އުފުލައިފި އެވެ.

މިލަދޫ ޕޮލިސް ޑެސްކްގެ އިންޗާޖަކަށް ހުންނެވި ސާޖަންޓް މުހައްމަދު އަރީޝްގެ ސައިކަލުގައި ރޯކޮށްލީ މިދިޔަ ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ 22 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެކެވެ. ނަމަވެސް މީގެ ތެރެއިން ދެ މީހަކު ފަހުން ވަނީ ދޫކޮށްލައިފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު މިއަދު ވިދާޅުވީ މިލަދޫ މާގަސްދޮށުގެ ގޯތި ތެރޭގައި ބަހައްޓާފައި ހުރި ފުލުހެއްގެ ސައިކަލުގައި އަލިފާން ރޯކޮށްލި މައްސަލައިގައި ދައުވާކުރަން ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގައި ދައުވާކުރީ މިލަދޫ، ފަތަގުމާގެ، އަބްދުﷲ ޝުހާދުގެ މައްޗަށެވެ.

ގާނޫނުލްއުގޫބާތުގެ 220 ވަނަ މާއްދާއާ ހަވާލާދީ އޭނާގެ މައްޗަށް ކޮށްފައިވަނީ މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

ސޯޝަލްމީޑިއާގައި އާންމުވި ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި މާގަސްދޮށުގޭ ގޯތިތެރޭގައި ބަހައްޓާފައި ހުރި އަރީޝްގެ ސައިކަލު ރޯކޮށްލީ ދެ މީހަކު ވެގެންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެކަކު އެ ގެއަށް ވަދެ ސައިކަލަށް ޕެޓްރޯލް ހަމެއް އޮއްސާލާފައި ދިއުމުން އަލިފާން ރޯކޮށްލީ އެހެން މީހެކެވެ.