މަސްތުވާތަކެތިި ގެންގުޅުނު ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ނ. މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލްގެ ބަންދަށް ހަތް ދުވަސް ޖަހައިދީފި އެވެ.
ތައުލީީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރި ޔޫސުފް އާދަމް ހައްޔަރުކުރީ ފަސް ގްރާމްގެ މަސްތުވާތަކެއްޗާ އެކު އެވެ. މިއީ އެކަހަލަ މައްސަލައެއްގައި ޕްރިންސިޕަލަކު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފަސް ގްރާމްގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހާ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގުކުރަން މުއްދަތު އިތުރުކޮށްދިނީ ލަންދޫ ކޯޓުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
މާޅެންދޫ ސްކޫލްގެ ޕްރިންސިޕްކަމުގައި އޭނާ ހުންނަތާ މިހާރު ތިން އަހަރު ވެއްޖެ އެވެ.
މާޅެންދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ޝާހް މޫސާ ވިދާޅުވި ގޮތުގައި، މަސްތުވާތަކެއްޗާ ގުޅުވައިގެން ޔޫސުފަށް މީގެ ކުރިން އެއްވެސް ތުހުމަތެއް ކޮށްފައެއް ނުވެ އެވެ. ކުއްލިއަކަށް އެފަދަ މައްސަލައެއްގައި ހައްޔަރުކުރުމަކީ ލިބުނު ބޮޑު ހައިރާންކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ދަރިވަރުންނަށް ވެސް ރަނގަޅު މީހެއް އެއީ. މިކަހަލަ އެއްވެސް ކަމެއް ކުރިން އަޑެއް ނާހަން،" ޝާހް ވިދާޅުވި އެވެ.
އެހެން ސްކޫލެއްގެ ޕްރިންސިޕަލަކު، ނަން ނުޖަހަން އެދިވަޑައިގެން، "މިހާރު" އަށް ވިދާޅުވީ އެފަދަ މައްސަލައެއްގައި ޕްރިންސިޕަލަކު ހައްޔަރުކުރުމުން ވަރަށް ދެރަވި ކަމަށެވެ. އަދި ތައުލީމީ ދާއިރާއަށް ލިބުނު ހުތުރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެނގިފައެއް ނެތް މީގެ ކުރިން ތައުލީމީ ދާއިރާގެ އިސް ބޭފުޅެއްގެ ހައިިސިއްޔަތުން މުޖުތަމައު ބަލައިނުގަން މިފަދަ އަމަލެއް ހިންގި ކަމެއް. އޭނާއާ ދޭތެރޭ ފިޔަވަޅު އަޅުއްވަން ޖެހޭ،" އެ ޕްރިންސިޕަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަރިވަރުންނަށް ރީތި ނަމޫނާއެއް ދައްކަން ޖެހޭ ބައެއްގެ ފަރާތުން އެފަދަ ކަންކަން ފެނުމަކީ ނުބައި މެސެޖެއް ކަމަށެވެ. އެހެންވެ ތުހުމަތެއް ކުރެވުނު ކަމުގައިވިއަސް ޒިންމާއިން އެބަޔަކު ވަކިކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޕްރިންސިޕަލާ މެދު ވެސް ސިވިލް ސާވިސްގެ ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށެވެ.