ނ. ކުޑަފަރި ކައުންސިލްގެ ދެ ބިމެއްގެ މިލްކުވެރިކަމާ މެދު ދައުވާކުރާ ނަމަ އެއީ ބިން ފޭރުމުގެ އަމަލެއް ކަމަށާއި އެކަން ތަހުގީގު ކޮށްދިނުމަށް އެ ރަށު ކައުންސިލުން ގޮވާލައިފި އެވެ.
ބިމެއްގެ މައްސަލައިގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވަނީ ކުޑަފަރީގައި ފުލުހުންނާއި އާއްމުންނާ ދެމެދު ހަމަނުޖެހުމެއް ހިންގައިފަ އެވެ.
އެކަމާ ގުޅޭގޮތުން ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ކައުންސިލްގެ "ސުވާސްތި" އަދި "ނަވަރަންނަ" ގޯތި ޖޫން 1، 2013 ގައި ކުއްޔަށް ދޫކުރީ އެ ރަށު އަބްދުލްމަޖީދު އިބްރާހިމަށް ކަމަށެވެ. އިތުރު ފަރާތަކަށް އެ ހުއްދަ ދޫކޮށްފައި ނުވާ ކަމަށް ބުންޏެވެ.
ނަމަވެސް، މަޖީދު ވަނީ ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އީސަ އާއި އެމްޓީސީސީގެ ޗެއާމަން މުހައްމަދު ފަހީމަށް އެތަން ކުއްޔަށް ދީފަ އެވެ. އެ މައްސަލަ ފަހުން ހޫނުވީ، އެ ބިމުގައި ހަދާފައި ހުރި އިމާރާތުގެ ތެރެއަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތާ ގުޅިގެންނެވެ.
މައްސަލަ އުފެދިފައިވާ ބިމުގައި ވިޔަފާރިކުރާ މެމްބަރު އީސަގެ ކުންފުނި، އެބޭޒް އިންވެސްޓްމަންޓުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކުންފުނިން ކުއްޔަށް ހިފާފައިވާ ކުޑަފަރި "ސުވާސްތި" ގޯއްޗާއި އެ ގޯތީގައި ހަދާފައިވާ ދެ ކޮޓަރީގެ ބީޗް ހައުސް އަށް މި މަހުގެ ހަތަރު ވަނަ ދުވަހު ހުއްދަ ހޯދުމަކާ ނުލައި 30 މީހުންގެ ގްރޫޕަކުން ވަދެ، އެ ތަނަށް ގެއްލުން ދީފައިވާ ކަމަށެވެ.
އެ ގްރޫޕުން އެ ތަނަށް ވަދެ، އެތަން ބެލެހެއްޓުމާ ހަވާލުވެ ތިބި މީހުންނަށް ބިރުދައްކައި، އެ ތަނުން ނެރެ، އެ ތަން މިހާރު ހިސޯރުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
އެ މައްސަލަ، އެ ކުންފުނީގެ ފަރާތުން ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.
އެކަމާ ގުޅިގެން ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ، ތިން ވަނަ ފަރާތަކާއި ކައުންސިލާ ދެމެދު ތައާގުދީ ގުޅުމެއް އޮންނަ މުއާމަލާތެއް ކުރެވޭނީ ކައުންސިލްގެ ރުހުން އޮވެގެން ކަމަށެވެ. ނަމަވެސް، މިހާރު މައްސަލަ ޖެހިގެން އުޅޭ ދެ ބިމާ ގުޅޭގޮތުން ތިން ވަނަ ފަރާތަކާ މެދު އެއްވެސް މުއާމަލާތެއް ނެތް ކަމަށް ބުންޏެވެ.
އެހެންވެ، ސުވާސްތި އަދި ނަވަރަންނަ ބިމުގެ މިލްކުވެރިކަމަށް ކައުންސިލާއި މަޖީދު ފިޔަވައި އިތުރު އެއްވެސް މީހަކު ދައުވާކުރާ ނަމަ އެއީ ދިވެހި ދައުލަތުގެ ބިން ރާއްޖޭގެ ގާނޫނުތަކުގެ ބޭރުން ފޭރިގެން އެ ފަރާތުގެ މިލްކުވެރިކަމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ ފަރާތުން ދޭ އިއުތިރާފީ ބަޔާނެއް ކަމަށް ބުންޏެވެ.
ކައުންސިލުން، ރާއްޖޭގެ ބިމާ ބެހޭ ގާނޫނުން ކަނޑައެޅިގެން ހިލާފަށް ދައުލަތުގެ ބިން ފޭރުމުގެ އަމަލު ތަހުގީގުކޮށްދީ، ފިޔަވަޅު އެޅުމަށް ދިވެހި ދައުލަތަށް ކައުންސިލުން ވަނީ ގޮވާލައިފަ އެވެ.