ނ. ފޮއްދޫގެ ފެނާއި ނަަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފި އެވެ.
އެ ކުންފުނިން ބުނިގޮތުގައި މިހާރު ކުރިއަށް ދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތެވެ. އަދި މި މަޝްރޫ އަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި އެ ރަށަށް މިހާރު ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން 4.76 ކިލޯ މީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓްވޯކް ގާއިމުކޮށް، އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމާއި ފެން އުފެއްދުމަށް ދެ އާރްއޯ ފްލާންޓް ބަހައްޓާނެ އެވެ. އަދި ފެން ރައްކާކުރުމަށް ތިން ތާންގީ ބަހައްޓައި، ގޭތަކުގައި ފެން މީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ ހިދުމަތް ވެސް އެމްޑަބްލިއުއެސްސީން ދޭނެ އެވެ.
ފޮއްދޫ ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން 3.89 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކޮށް، 454 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތްކުރުމާއި، ދެ ޕަންޕިން ސްޓޭޝަނާއި، ސީ އައުޓް ފޯލްއެއް ގާއިމުކުރާނެ އެވެ. އަދި ގޭތަކުގައި ޖަންގްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދޭނެ އެވެ.
މީގެ އިތުރުން އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނު ވެސް ފޯރުކޮށްދޭނީ އެމްޑަބްލިއުއެސްސީންނެވެ.
އެ ކުންފުންޏާ މި މަޝްރޫއު ހަވާލުކުރީ 58.14 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ މަސައްކަތް 540 ދުވަޖުގެ ތެރޭގައި ނިންމަން ޖެހެ އެވެ.