އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓި ތަންތަނުގެ އިތުރުން މިފަހަރު އިންޑިއާގެ ބެންގަލޫރުގައި ވެސް ވޯޓްފޮށި ބެހެއްޓުމަށް އިލެކްޝަން ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބާ ގުޅޭގޮތުން، ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ބެންގަލޫރުގައި ވޯޓު ފޮށި ބަހައްޓަން ނިންމީ އެތަނުގައި ގިނަ އަދަދެއްގެ ދިވެހިން މިހާރު އުޅޭތީ ކަމަށެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓްފޮށި ބެހެއްޓީ އިންޑިއާގެ ޓްރިވެންޑްރަމާއި ނިއު ދިއްލީ އާއި ސްރީ ލަންކާގެ ކޮލޮމްބޯ އާއި މެލޭޝިއާގެ ކުއާލަމްޕޫރާއި ސިންގަޕޫރު އަދި އިނގިރޭސިވިލާތުގަ އެވެ.
"އެތަންތަނާއި އެ ތަންތަނުގެ އިތުރުން ވެސް، 200 މީހުން ވޯޓްލާން ރަޖިސްޓްރީވާ ތަންތަން [ގައުމު] ތަކުގައި ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ،" އީސީގެ ތަރުޖަމާން އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ ސިނާއީ ރަށްރަށާއި ރިސޯޓުތަކުގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުން ވޯޓްލުމަށް ރަޖިސްޓްރީ ކުރާ ތަންތަނުގައި ވެސް، އޮންނަ އުސޫލުގެ މަތިން ވޯޓްފޮށި ބަހައްޓާނެ ކަމަށެވެ.
ރިޔާސީ އިންތިހާބު އޮންނަ ތާރީހާއި ވޯޓާސް ލިސްޓް އަންނަ އާންމު ކުރާނެ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ. ރަށްވެހި ވެފައިވާ ރަށް ފިޔަވައި އެހެން ތަންތަނުގައި ވޯޓު ލާން ބޭނުންވާ މީހުންގެރަޖިސްޓްރޭޝަން ހުޅުވާލުމަށް ނިންމާފައިވަނީ ޖޫން މަހުގަ އެވެ.
"ރީ ރަޖިސްޓާ ކުރުމަށް ހުޅުވާލުމުން އަވަހަށް ރަޖިސްޓްރީ ކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް، ކުރިއާލައި އިއުލާންކުރަނީ ރައްޔިތުންނަށް ފަސޭހަކޮށްދޭން،" އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޯޓާސް ލިސްޓު ސައްހަކުރަން، ސުޕްރީމް ކޯޓުގެ ގައިޑްލައިންގައި ބުނެފައިވާ ގޮތަށް، ބޭނުންކުރާނީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ލިސްޓެއް ކަމަށެވެ.
އިންތިހާބަށް އީސީގެ މުވައްޒަފުން ތަމްރީނުކޮށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް އަންނަ ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުތައް ފަށަން އީސީން ވަނީ ނިންމައިފި އެވެ. އެގޮތުން ފަސް އަތޮޅެއްގެ 19 ރަށަކަށާއި ފުވައްމުލަކާއި އައްޑޫ އަށް ދިއުމަށް ވަނީ ނިންމާފަ އެވެ.
އީސީގެ މިނިވަންކަމެއް ނެތް ކަމަށާއި އެއީ ރައީސް އަބްދުﷲ ޔާމީން އަންގަވާ ގޮތަކަށް އަމަލުކުރާ މުއައްސަސާއެއް ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން އަންނަނީ ފާޑުކިޔަމުންނެވެ. މިހާރު އޮތް އިލެކްޝަން ކޮމިޝަނާއެކު މިނިވަން އިންތިހާބެއް ނުބެއްވޭނެ ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބުނެ އެވެ.
އަކްރަމް ވިދާޅުވީ ރިޔާސީ އިންތިހާބާއި އިލެކްޝަން ކޮމިޝަންގެ ގާނޫނަށް ގެންނަން މަސައްކަތްކުރާ އިސްލާހުތަކާ ގުޅޭގޮތުން އެއްވެސް ޕާޓީއަކުން މިހާތަނަށް ޝަކުވާ ހުށަހަޅާފައިނުވާ ކަމަށެވެ. މަޝްވަރާކުރަން ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ފުރުސަތު ހުޅުވާލާފައި ކަމަށާއި ކުރިއަށް އޮތްތަނުގައި ސިޔާސީ ޕާޓީތަކާ މަޝާވަރާކުރާނެ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.
އިލެކްޝަން ކޮމިޝަނުން އެންމެ ފަހުން މަޝްވަރާއަށް ދިން ދައުވަތު އިދިކޮޅު ޕާޓީތަކުން ވަނީ ގަބޫލު ނުކޮށްފަ އެވެ.