ޔުނެސްކޯ އިން އާސާރީ ބިނާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަދި ކުރިން ވެސް ތުރުކީގައި މިސްކިތެއްގައި ގޮތުގައި ބޭނުންކޮށް ފަހުން ދާރުލްއާސާރެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަޔާ ސޫފިޔާ (ހަޔާ ސޯފިއާ) އެތައް އަހަރެއް ފަހުން އަނެއްކާ ވެސް މިސްކިތަކަށް ބަދަލުކުރުމާ އެކު ފާޑުކިޔުންތައް ބޮޑުވެއްޖެ އެވެ.
އެ ގައުމަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ މެދުގައި ވެސް އެންމެ މަގުބޫލު ބިނާތަކުގެ ތެރޭގައި ހިމެނޭ ހަޔާ ސޯފިއާ މިސްކިތަކަށް އަލުން ބަދަލުކޮށް، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުއާން ވަނީ އެތަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ރިލިޖަސް އެފެއާޒް ޕްރެޒިޑެންސީއާ މަތިކޮށްފަ އެވެ. އެގޮތުން މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ހަޔާ ސޯފިއާގައި ނަމާދު ވެސް ކުރަން ފަށާނެ އެވެ.
މި ނިންމުމާ ގުޅިގެން ގްރީސް ފަދަ ބައެއް ގައުމުތަކުން ވަނީ ތުރުކީގެ ނިންމުމަށް ފާޑު ކިޔައިފަ އެވެ. އެ ގައުމުން ބުނެފައިވާ ގޮތުގައި ތުރުކީގެ އެ ނިންމުމަކީ ދެ ގައުމުގެ ގުޅުމުގެ އިތުރުން އީޔޫ އާއި ތުރުކީއާ ދެމެދު އޮންނަ ގުޅުމަށް ވެސް ބުރޫއަރައިފާނެ ކަމެކެވެ.
އެކަމަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ ދޮޅު ހާހެއްހާ ކުރީގެ ތާރީހީ ބިނާ އަލުން މިސްކިތަކަށް ބަދަލުކުކުރުމަކީ އެ ގައުމަށް ލިބިގެންވާ އަމިއްލަ ހައްގެއް ކަމަށާއި އެ ނިންމުމަށް ފާޑުކިޔުމަކީ ތުރުކީގެ ދާހިލީ ކަންކަމާ ބެހުން ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ހަޔާ ސޯފިއާ މުސްލިމުން އަޅުކަންކުރާ މިސްކިތަކަށް އަލުން ބަދަލުކުރި ނަމަވެސް އެތަނަށް ޒިޔާރަތްކޮށް، ތަން ބަލައިލުމުގެ ފުރުސަތު ކުރިއެކޭ ވެސް އެއްގޮތަށް އެހެން ދީންތަކުގެ މީހުންނަށް އޮންނާނެ އެވެ.
ޔުނެސްކޯގެ ވޯލްޑް ހެރިޓޭގް ކޮމިޓީން ހުކުރު ދުވަހު ބުނީ ތުރުކީގެ ނިންމުން އަލުން ރިވިއުކޮށް، މިސްކިތަށް ކުރިން ދީފައިވާ ދަރަޖައާ ދޭތެރޭ ގޮތެއް ނިންމާނެ ކަމަށެވެ.
ހަޔާ ސޯފިއާ އަކީ 1931 އާ ޖެހެންދެން މިސްކިތެއްގެ ގޮތުގައި ބޭނުން ކުރި ތަނެކެވެ. އެތަނަކީ މިއުޒިއުމެއް ކަމަށް ނިންމައި، މިއުޒިއަމެއްގެ ގޮތުގައި ހުޅުވީ 1935 ގަ އެވެ.
އާބާދީގައި 82 މިލިއަން މީހުން ދިރިއުޅޭ ތުރުކީގެ މުސްލިމުމުންގެ ނިސްބަތް 99.8 ޕަސަންޓަށް އަރަ އެވެ.