ޕެރިސްގެ ލޫވާ މިއުޒިއަމްގައި ހުންނަ މަޝްހޫރު ކުރެހުމެއް ކަމަށްވާ މޮނަ ލީސާ އަށް މީހަކު ކޭކަކުން ހަމަލާ ދީފި އެވެ.
ބިއްލޫރި ފްރޭމެއްގައި ބަހައްޓާފައި ހުންނަ އެ ކުރެހުމަށް ހަމަލާދިނުމަށް ފަހު އެ މީހާ އުޅޭތަން ފެންނަ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ. ރިޕޯޓްތައް ބުނި ގޮތުގައި، އެ މީހާ ކޭކު އެއްލީ، ވިގެއް ބޮލުގައި އަޅައިގެން، ފުރޮޅުލީ ގޮނޑިއެއްގައި އެ ކުރެހުމާ ކައިރި އަށް ގޮސްފަ އެވެ. އެ ވީޑިއޯގައި ފެންނަނީ އޭގެ ފަހުން އެ މީހާ އާންމުންނާ ވާހަކަދައްކާ ތަނެވެ.
"މި ދުނިޔެއާ މެދު ވިސްނާލަބަލަ. މިތަން ހަލާކުކޮށްލަން ބަޔަކު އެބަ އުޅޭ،" މިއުޒިއަމްގެ ސެކިއުރިޓީ ގާޑުން އޭނާ ގޮވައިގެން ދިޔައިރު ބުނާ އަޑު އިވެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި އޭނާ އަކީ ތިމާވެށީގެ ހައްގުގައި އަޑުއުފުލާ އެކްޓިސްޓެކެވެ. އޭނާ ބޭނުންވީ މީހުންގެ ސަމާލުކަން ލިބޭނެ ކަމެއް ކޮށްގެން، ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ވާހަކަ މީހުންނަށް އަންގައިދޭށެވެ.
ފުލުހުން މިހާރު ވަނީ އެ މީހާ ހައްޔަރުކޮށްފަ އެވެ.
އެ ކުރެހުމާ ކައިރިއަށް ދިއުމަށް އެ މީހާ ފުރޮޅުލީ ގޮނޑިއެއް ބޭނުންކުރީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިސްކަންދިނުމުގެ ގޮތުން އެ މިއުޒިއަމުން ހަދާފައި އޮންނަ އުސޫލުގެ ތެރެއިން، އެ މީހުންނަށް ކުރެހުމާ މާ ކައިރިއަށް ދެވޭ ގޮތަށް އޮންނާތީ އެވެ.
ލެޖެންޑަރީ އާޓިސްޓް ލިއޮނާޑޯ ޑާ ވިޗުގެ ހިޔާލީ ކުރެހުމެއް ކަމަށްވާ "މޮނަ ލީސާ" ބަލަން ކޮންމެ އަހަރަކު އެތަން މިލިއަން މީހުން އެ މިއުޒިއަމަށް ޒިޔާރަތްކުރެ އެވެ.