މާލެ ސިޓީ ކައުންސިލުން ދެމުން އަންނަ ބައެއް ހިދުމަތްތަކުން ނަގާ ފީ ކުޑަކޮށްފި އެވެ.
އެ ކައުންސިލުން މިއަދު ބުނީ މާލެ އާއި ވިލިމާލޭގެ ބަނދަރުތަކުގައި އަޅާ އުޅަނދުފަހަރުން ނަގާ ފައްތިޔާ އަދި ފަޅު ހުއްދަ ފީ އާއި މާލޭގެ މަގުމަތީގައި މަސައްކަތް ކުރާއިރު ދޫކުރާ ބޯޑުތަކުގެ ފީ މިހާރު ކުޑަކޮށްފައިވާ ކަމަށެވެ.
އެ ހިދުމަތްތަކުގެ ފީ އަށް ގެނެސްފައިވާ ބަދަލާ އެއްގޮތަށް އިއްޔެ އިން ފެށިގެން އަންނަނީ އަމަލުކުރަމުންނެވެ.
ބޯޑުގެ ފީ އަށް ގެނައި ބަދަލާއެކު، މަގު ބަންދުނުކޮށް މަސައްކަތް ކުރުމުގެ ހުއްދަ 24 ގަޑިއިރަށް ދޭނީ 100ރ. އަށެވެ. އަދި ބޯޑު ހަވާލުކުރަން ޖެހޭ ވަގުތު ހަމަވުމަށް ފަހު އިތުރުވާ ކޮންމެ ދުވަހަކަށް 150ރ. ދައްކަން ޖެހޭނެ އެވެ.
މާލޭ ސިޓީ ކައުންސިލުގެ ބައެއް ހިދުމަތްތަކުން ނަގާ ފީ ކުޑަކުރި އިރު، މަގު ބަންދުކުރުމާއި މަގު ކޮނުމުގެ އަގުތައް ދެ ގުނައަށް ވުރެ ބޮޑުކުރި ކަމަށް ބުނެ ސްޓެލްކޯ އިން އޮތީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. ސްޓެލްކޯ އިން ކޯޓުގައި އެދުނީ އަގުތައް ބޮޑުކޮށް، ސިޓީ ކައުންސިލުން މިފަހުން ހެދި އުސޫލު ބާތިލުކޮށްދިނުމަށެވެ. އެ މައްސަލަ އެއްފަހަރު ކޯޓުން ބަލައިނުގަތުމުން އަލުން ވަނީ ހުށަހަޅައިފަ އެވެ.
ސިޓީ ކައުންސިލުން އަގުތަކަށް ގެނައި ބަދަލާއެކު، ދެން މަގު ބަންދުކޮށްގެން މަސައްކަތް ކުރުމުގެ ހުއްދަ، އުމްރާނީ ގޮތުން ކުރާ މަސައްކަތްތަކަށް ދޭނީ ފުރަތަމަ 6 ގަޑިއިރަށް 250ރ. އަށެވެ. އިތުރުވާ ކޮންމެ ގަޑިއިރަކަށް 100ރ. ނަގާނެ އެވެ.
މި ބަދަލު ގެނައުމުގެ ކުރިން އުމްރާނީ ގޮތުން ކުރާ މަސައްކަތްތަކަށް، މަގު ބަންދުކުރުމަށް ބަހައްޓާ ބޯޑުގެ އަގު 150ރ. އިން 300ރ. އަށް ވަނީ ބޮޑުކޮށްފަ އެވެ.
އަގުތަކަށް ގެނައި ބަދަލު، މާލޭ ސިޓީ ކައުންސިލުން ވަނީ ސަރުކާރުގެ ގެޒެޓުގައި ޝައިއުކޮށްފަ އެވެ.