އާބާދީ މަދު ސްކޫލުތަކުގައި ކިޔަވައިދެމުން އަންނަ މަލްޓިގްރޭޑް ޓީޗިންގެ އުސޫލުތަށް ބަދަލުތަކެއް ގެނެސްފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ސްކޫލުތަކަށް ފޮނުއްވި ސިޓީގައި ވިދާޅުވީ މިއަހަރު މަލްޓިގްރޭޑުކޮށް ކިޔަވައިދޭނީ، އެއް ކީ ސްޓޭޖެއްގައި ހިމެނޭ ދެ ގްރޭޑު އެއްކޮށްލައިގެން ކަމަށެވެ. ސިޓީގައިވާ ގޮތުން، އެގޮތަށް ކިޔަވައިދޭނީ ދެ ގްރޭޑުގެ ޖުމުލަ އަދަދު 10 ނުވަތަ އެއަށްވުރެ މަދު ނަމަ އެވެ.
"މި ބަދަލާ ގުޅިގެން ތިޔަ ސްކޫލަށް ދަތިވާކަމެއް ނުވަތަ ސްކޫލުގެ ކަންބޮޑުވުމެއް ވާ ނަމަ، މިދެންނެވި ބަދަލު ގެނައުމުގެ ކުރިން، އެކަމެއް މި ޑިވިޒަނާ މަޝްވަރާ ކުރެއްވުމަށް ފަހު އެކަމުގެ ހައްލު ހޯއްދަވައިގެން ބަދަލު ގެންނެވުމަށް ވެސް ދެންނެވީމެވެ،" މިދިޔަ ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީގައިވެ އެވެ.
މަލްޓި ގްރޭޑް ޓީޗިންނަކީ އާބާދީ މަދު ސްކޫލުތަކުގައި ރަނގަޅު ފެންވަރެއްގައި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް ދަރިވަރުންނަށް ކްލާސްރޫމެއްގެ މާހައުލުން ލިބެންޖެހޭ މައުލޫމާތާއި ހުނަރުތައް ލިބިގަތުމަށްޓަކައި އެއް ގްރޭޑަަކަށް ވުރެ ގިނަ ގްރޭޑުތައް އެއްކޮށް، ދަރިވަރުންގެ ފެންވަރާ ގުޅޭގޮތުން އެއް ކްލާސްރޫމެއްގައި ކިޔަވައިދިނުމުގެ ނިޒާމެކެވެ.
މަލްޓިގްރޭޑު ޓީޗިން 2015 ވަނަ އަހަރު ތައާރަފުކޮށް އެކަން ޓެސްޓުކުރަން ސަރުކާރުން ފެށި އެވެ. ނަމަވެސް ރަސްމީކޮށް އޮގަސްޓް 17، 2017 ވަނަ ދުވަހު ކިޔަވައިދޭން ފެށިފަހުން 40 ސްކޫލެއްގައި އެ ނިޒާމުގެ ތެރެއިން ކިޔަވައިދީފައި ވެ އެވެ. ނަމަވެސް އާ އުސޫލާއެކު މިހާރު އެ އަދަދަށް ބަދަލުތަކެއް އަންނާނެ އެވެ.
މީގެ ކުރިން މަލްޓިގްރޭޑުކޮށް ކިޔަވައިދީފައިވަނީ ގްރޭޑެއްގައި 20 ދަރިވަރުން ހަމަނުވަންޏާ އެވެ. އަދި އެ ނިޒާމުގެ ތެރެއިން ކިޔަވައިދިނުމާ މެދު ގޮތެއް ނިންމާނީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. ނަމަވެސް މިހާރު ސްކޫލުތަކަށް ވަނީ އެ ބާރު ދީފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަލްޓިގްރޭޑު ޓީޗިންގެ ނިޒާމަށް ބަދަލު ގެނައީ އެ މިނިސްޓްރީގެ އެހެނިހެން އުސޫލުތަކަށް ވެސް ބަދަލުގެންނަ އުސޫލުން ކަމަށެވެ.