މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އަކަށް، އެންސްޕާގެ ކުރީގެ ސީއީއޯ މުޖުތަބާ ޖަލީލު ހަމަޖައްސައިފި އެވެ.
ލޯކަލް ކައުންސިލްތަކުގެ އެސްޖީންގެ މަގާމުގައި ތިއްބެވި ބޭފުޅުންގެ ދައުރު ހަމަވާތީ، އާ ބޭފުޅުން ހޯދުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއުލާނު ކުރުމުން 23 މީހަކު ކުރިމަތިލި އެވެ. އޭގެ ތެރޭގައި މުޖުތަބާ ވެސް ހިމެނެ އެވެ.
އިދިކޮޅު ޕީޕީއެމްގެ އަޣުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލްގެ ލަފައާއެކު، އެ އިދާރާގެ އިދާރީ އެންމެ އިސްވެރިއަކަށް މުޖުތަބާ ހަމަޖެއްސުމުން އޭނާ ވަނީ އިއްޔެ އިން ފެށިގެން ވަޒީފާ އަށް ނުކުންނަވަން ފައްޓަވައިފަ އެވެ. އޭނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގައި ވެސް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
އެ ވެރިކަމުގައި އެންސްޕާގެ ސީއީއޯ އަކަށް ހުންނަވަނިކޮށް، އެ މަގާމުން ވަކިކުރެއްވުމަށް ފަހު، މުޖުތަބާ އައްޔަން ކުރެއްވީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ.
ކައުންސިލްތަކަށް އެސްޖީން އައްޔަން ކުރަނީ އެ ކައުންސިލެއްގެ ލަފައާއެކު ސީއެސްސީންނެވެ. އެސްޖީގެ މަގާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއުކުރުމަށް ފަހު 60 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ މީހުންގެ ތެރެއިން، މެރިޓް އުސޫލުން އެންމެ ގާބިލު މީހެއް ކަނޑައަޅައި، އެ މީހަކާ ގުޅޭގޮތުން ކައުންސިލްގެ ލަފާ ހޯދަ އެވެ. މަގާމަށް އައްޔަންކުރަނީ އޭގެ ފަހުންނެވެ.
ފަސް އަހަރުގެ ދައުރަކަށް އައްޔަން ކުރާ ސިޓީ ކައުންސިލްގެ އެސްޖީއަކަށް މަހަކު 20،500ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000ރ. ލިބޭނެ އެވެ.