ޝަރުއީ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖުތާޒް ފަހުމީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހާލުކޮޅު ދެރަވުމަށް ފަހު ރޭ އަވަހާރަވެއްޖެ އެވެ.

މުޖުތާޒުގެ ކޮއްކޯފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ޓްވިޓާގައި ވިދާޅުވިގޮތުގައި އޭނާ އަށް ބައްޕައެއް ފަދަ އެންމެ ދޮށީ ބޭބޭފުޅު މުޖުތާޒު އަވަހާރަވީ ރޭ ދަންވަރު 2:00 ހާއިރެވެ.

ލ. ގަމުގައި ހުންނަވަނިކޮށް، ރޯގާ ޖެހިގެން މުޖުތާޒް ހޮސްޕިޓަލަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި މުޖުތާޒް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ހޮސްޕިޓަލުގައި އެޑްމިޓްކުރީ ކަމަށާއި ފުރަތަމަ ރަނގަޅަށް ހުރެފައި ކުއްލިއަކަށް ނޭވާ އަށް އުނދަގޫވެގެން ހާލު ދެރަވީ ކަމަށް ގަމު ހޮސްޕިޓަލުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވެފައިވެ އެވެ.

ގަމު ހޮސްޕިޓަލުން އިއްޔެ ވަނީ މުޖުތާޒް ވެންޓިލޭޓަރު ގުޅައި މާލެ ފުރުވާލައިފަ އެވެ. ކޮވިޑްގެ ބަލި މީހުންނަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ހާއްސަކޮށްފައިވާ ފެސިލިޓީގައި ފަރުވާދިން އިރު ފަހުން މުޖުތާޒު އޮންނެވީ ވެންޓިލޭޓަރަކު ނޫނެވެ.

ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ އިތުރު ފަރުވާ އަށް މާލެ އަށް ފޮނުވާލީ އެ އަތޮޅުގައި އޮންނަ، ދަނޑުވެރިކަމަށް ދޫކޮށްފައިވާ ކުޑަފުށީގައި ހޯމް ކަރަންޓީނުގައި ހުއްޓާ ކޮވިޑް-19 އަށް ޕޮޒިޓިވްވި 61 އަހަރުގެ މީހަކު ކަމަށެވެ.

މުޖުތާޒަކީ ސެޕްޓެމްބަރު 18، 2008 އިން އޮގަސްޓް 10، 2010 އާ ހަމަޔަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. މުޖުތާޒު ހުންނެވީ 29 އަހަރު ޚިދުމަތްކުރެއްވުމަށް ފަހު ރިޓަޔާކުރައްވައިގެންނެވެ.

"ޖަސްޓިސް ރިޓަޔަޑް"ގެ ލަގަބު އެރުވުމުގެ ހަފްލާގައި 2011 ވަނަ އަހަރު މުޖުތާޒު ވިދާޅުވެފައި ވަނީ 1981 ގައި ޝަރުއީ ދާއިރާއާ ގުޅިވަޑައިގެންނެވިތާ ދިގު މުއްދަތަކަށް ފަހު ރިޓަޔާ ކުރައްވާ އިރު ގައުމަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަމަށް ގަބޫލުކުރެވި ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.