ފިނޭންސް މިނިސްޓްރީ ކުރިމަތީގައި ތޫނު އެއްޗެހިން ހަމަލާދީ ގ. ވޭރު އަބްދުލްމުހީތު މަރާލި މައްސަލާގައި މަރަން މެރުމަށް ކޮށްފައިވާ ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މަރުގެ ހުކުމް ދެމެހެއްޓުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު އެދިއްޖެ އެވެ.
ފެބްރުއަރީ، 2012 ގައި ފިނޭންސް ކުރިމަތީގައި އޮންނަ ގޯޅި ތެރޭގައި މުހީތަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދެ މީހަކު މެރުމަށް ޖުވެނައިލް ކޯޓުން 2013 ގައި ހުކުމްކުރި އެވެ. އެ ކުށްކުރިއިރު އެ ދެ މީހުންނަކީ ކުޑަކުދިން ކަމަށް ވިޔަސް، ހުކުމް ކުރިއިރު އެ ދެ މީހުންނަށް ވެސް ވަނީ 18 އަހަރު ފުރިފަ އެވެ. އެ ކުދިންގެ ނަން ހާމަނުކުރަނީ އެ މީހުން ކުށްކުރީ ކުޑަކުދިންގެ ގޮތުގައި ތިބެ ކަމަށްވާތީ އެވެ.
އެ ދެ ކުދިންނަށް ކުރި ހުކުމަށް ހައި ކޯޓުން 2016 ގައި ތާއީދުކުރުމުން އޭގެ ތެރެއިން އެއް ކުއްޖެއްގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ ޝަރީއަތް އެ ކޯޓުން މިއަދު ވަނީ ފަށައިފަ އެވެ.
އެ ކުއްޖާގެ ކުށް ސާބިތު ނުވާނެ ކަމަށް ބުނެ އޭނާގެ ދިފާއީ ވަކީލް ޝަހީމް އަހުމަދު ވިދާޅުވީ ހެކިބަސް ދިން ހެކިންގެ ބަހުގައި ފުށުއެރުންތަައް ހުރި ކަމަށާއި އެކަންކަމަށް ރިއާޔަތްކޮށްފައި ނެތް ކަމަށެވެ. އެއް ހެއްކަކު ދަށު ކޯޓުގައި ހެކިބަސް ދިނުމަށް ފަހު، އޭނާގެ ހެކިބަހަކީ ނުފޫޒު ފޯރުވައިގެން ދީފައިވާ ހެކިބަހެއް ކަމަށް ބުނެ ދަށު ކޯޓަށް ސިޓީއެއް ފޮނުވި ކަމަށާއި އެ ހެކިވެރިޔާ ހައި ކޯޓަށް ހާޒިރުކޮށްދޭން އެދުނަސް، އެކަން ހައި ކޯޓުން ކޮށްފައި ނެތް ކަމަށް ޝަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން ތުހުމަތު ކުރެވުނު ބައެއް މީހުން އެހެން މީހަކާ ފޯނުން ގުޅައިގެން ދެއްކި ވާހަކަތަކެއްގެ ފޯން ކޯލް ރިޕޯޓެއް ދައުލަތުން ހުށަހަޅާފައި ވިޔަސް، އިސްތިއުނާފްކުރާ ކުއްޖާގެ އަޑު އެ ރެކޯޑިންގައި ހިމެނޭކަން އެ ރިޕޯޓުން ޔަގީން ނުވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އަޑު ދެނެގަތުމަށް އެ ރިޕޯޓުގައި އެކި މިންވަރުގެ ރޭންޖްތަކެއް ބަޔާން ކޮށްފައި ވާއިރު، އިސްތިއުނާފްކުރާ ކުއްޖާގެ އަޑު ހިމެނޭ ކަމަށް ބުނެ އެ ރިޕޯޓުގައި އޮތް މިންގަނޑަކީ ޔަގީން ނުވާ ވަރުގެ މިންގަނޑެއް ކަން އެ ރިޕޯޓުން އެނގެ އެވެ. އެކަންކަން ފާހަގަކޮށް، ޝަހީމް އެދުނީ އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑަޅައި ދިނުމަށެވެ.
ރައްދުގައި ދައުލަތުގެ ވަކީލާ މަރިޔަމް ފެޒްލީން ވިދާޅުވީ އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވެފައިވަނީ ހަމައެކަނި ހެކިންގެ ހެކިބަހަށް ރިއާޔަތް ކޮށްގެން ނޫން ކަމަށާއި ހެކިންގެ ހެކިބަހުގެ އިތުރުން ކިތާބީ ހެއްކާއި އެހެން ހެކިތަކަށް ވެސް ދަށު ކޯޓުން ރިއާޔަތް ކޮށްފައިވާ ކަމަށެވެ. ހެކިންގެ ބަހުގައި ބައެއް ކަންކަން ތަފާތުކޮށް ހުރުމަކީ އެ މީހުން ދީފައިވާ މުޅި ހެކިބަސް ބަލައިނުގަނެވޭނެ ސަބަބެއް ނޫން ކަމަށާއި އެ މީހުން ހެކިބަސް ދިނީ އެ މީހުން ހަނދާން ހުރި މިންވަރުން ކަމަށް ވެސް ދައުލަތުން ބުންޏެވެ. ދައުލަތުން ބުނިގޮތުގައި ހެކިވެރިން ތަހުގީގަށް ދިން ބަޔާނުގައި އެ ހާދިސާ ތަފްސީލުކޮށް ކިޔައިދީފައިވާތީ ތަހުގީގު ބަޔާނަށް ގަރީނާއެއްގެ ބުރަދަން ލިބެން ޖެހޭނެ އެވެ.
އެއް ހެކިވެރިއަކު ހެކިބަސް އަނބުރާ ގެންދިޔަ ކަމަށް ބުނެ ކޯޓަށް ފޮނުވި ސިޓީއާ ގުޅިގެން ފެޒްލީން ވިދާޅުވީ ކާކުކަން ނޭނގޭ ގޮތަށް މީހަކު ފޮނުވި ސިޓީއަކާ ގުޅިގެން އެ ހެކިވެރިޔާގެ ހެކިބަހަށް ރިއާޔަތް ނުކުރެވޭނެ ސަބަބެއް ނެތް ކަމަށެވެ. އަދި އެ މައްސަލާގައި ކުށް ސާބިތުވެފައިވަނީ ހަމައެކަނި އެ ހެކިވެރިޔާގެ ހެކިބަހުން އެކަނި ނޫން ކަން ފާހަގަކޮށް، ފެޒްލީން ވިދާޅުވީ ހެކިވެރިޔާ ފޮނުވި ކަމަށް ބުނާ ސިޓީއަކީ ބަޔަކު އޭނާއަށް ބިރު ދައްކައިގެން ކުރުވި ކަމެއް ކަމަށް ބުނާތީ އެ މައްސަލަ ތަހުގީގުކުރި ފަރާތް ހާޒިރުކޮށް، އެ މައުލޫމާތު ކޯޓުން ކަށަވަރު ކޮށްފައިވާ ކަމަށެވެ.
ދައުލަތުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އަބްދުﷲ ރާބިއު ވިދާޅުވި މުހީތަށް ހަމަލާދިން ވަގުތު، އިސްތިއުނާފްކުރާ ކުއްޖާ ހުރީ ގޭގައި ކަމަށް އޭނާގެ ފަރާތުން ބުނެ، ދިފާއީ ހެކިންތަކެއް ހެކިބަސް ދީފައި ވިޔަސް އެއީ ދޮގެއްކަން ދައުލަތުން ހުށަހެޅި ހެކިތަކުން އެނގޭނެ އެވެ. އެގޮތުން އެރޭ އެ ހާދިސާ ހިނގި ފަހުން އެ މައްސަލާގައި ދައުވާލިބޭ އިތުރު ބަޔަކާ އެކު އެ ކުއްޖާ އޭޑީކޭ ހޮސްޕިޓަލްގެ ތެރޭގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖެއް ދައުލަތުން ހުށަހަޅާފައިވާނެ ކަމަށް ރާބިއު ބުންޏެވެ.
ދައުލަތުން ހުށަހެޅި ފޯން ކޯލް ރިޕޯޓުގައި، އިސްތިއުނާފްކުރާ ކުއްޖާ އެހެން މީހަކާ ދެއްކި ވާހަކަތަކުގައި ވެސް އެ ހަމަލާދިން ގޮތް ކިޔައިދީފައިވާކަން އެނގޭ ކަމަށް ރާބިއު ވިދާޅުވި އެވެ. އެ ކޯލް ރިކޯޑިންގައި އެ ކުއްޖާގެ އަޑު ހުރި ކަން ޔަގީން ނުވާ ކަމަށް ދިފާއި ވަކީލް ބުނެފައިވާ ބުނުމަށް ރައްދު ދެއްވައި، ރާބިއު ވިދާޅުވީ އެ ކުއްޖާގެ އަޑު ދިމާ ނުވާނެ ކަމަށް ރިޕޯޓުގައި ބުނެފައިނުވާ ކަމަށެވެ. އަދި ފޯނަކީ އެ ކުއްޖާ ގެންގުޅުނު ފޯނަކުން އެހެން މީހަކާ ދެއްކި ވާހަކަތަކެއް ކަމަށް ވެސް ރާބިއު ވިދާޅުވި އެވެ.
ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ބުނެ ދައުލަތުން ސުޕްރީމް ކޯޓުގައި އެދުނީ ދެ ގޮތަކަށެވެ. އެއްގޮތަކީ މުހީތު މަރާލުމުގެ ކުށް އެ ކުއްޖާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ މެރުމަށް ދަށު ކޯޓާއި ހައި ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް ދިނުމަށެވެ. ދެވަނަ ގޮތަކަށް ދައުލަތުން އެދުނީ މުހީތު މަރާލުމުގެ ކުށް ސާބިތުވާ މިންވަރަށް ހެކި ނެތް ކަމަށް ކޯޓަށް ފެނިއްޖެ ނަމަ، މުހީތު މަރާލުމުގައި ބައިވެރިވުމުގެ ކުށް އެ ކުއްޖާގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި ތައުޒީރީ އަދަބެއްގެ ގޮތުން އުމުރަށް ޖަލަށްލުމަށް ހުކުމްކޮށް ދިނުމަށެވެ.
އެގޮތަށް ދައުލަތުން އެދުމުން ފަނޑިޔާރުންގެ ބެންޗުން ދައުލަތާ ސުވާލުތައް އަމާޒުކުރި އެވެ. އެގޮތުން، ދަށު ކޯޓާއި ހައި ކޯޓުގައި ދައުލަތުން އެދިފައިވާނީ ކޮން ގޮތަކަށްތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ވަކީލް ރާބިއު ވިދާޅުވި ދަށު ކޯޓުގައި އެދިފައިވަނީ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ދިނުމަށް ކަމަށެވެ. އެކަމަކު ހައި ކޯޓުގައި އެދިފައިވާނީ ކޮން ގޮތަކަށްތޯ ޖެހޭނީ ސާފުކޮށްލަން ކަމަށާއި އެ މައުލޫމާތު ދެން އޮންނަ އަޑުއެހުމެއްގައި ހުށަހަޅާނެ ކަމަށް ރާބިއު ވިދާޅުވި އެވެ.
އެގޮތަށް ރާބިއު ވިދާޅުވުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ ތައުޒީރީ އަދަބެއް ކަނޑައަޅަން ދައުލަތުން އެދެނީ ކޮން ގާނޫނީ ހަމައަކުންތޯ އާއި އެކަން އެގޮތަށް ކުރެވިދާނެ ކަމަށް އިސްލާމީ ޝަރީއަތުގައި އޮވޭތޯ ސުވާލު ކުރައްވައިފަ އެވެ.
ވަކީލް ރާބިއު ވިދާޅުވީ އެކަން އެގޮތަށް ކުރުމަށް ގާނޫނީ ހުރަހެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި ކުރިން ވެސް ކޯޓުތަކުން އެގޮތަށް ހުކުމް ކޮށްފައި އެބަހުރި ކަމަށެވެ. އަދި މިހާރު އަމަލުކުރާ ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ވެސް ކުށްކުރި ކަން ސާބިތު ނުވިޔަސް، އެ ކުށްކުރުމުގައި ބައިވެރިވިކަން ސާބިތުވާ ހާލަތުގައި އެ ކުށްކުރުމުގައި ބައިވެރިވުމުގެ އަދަބު ކަނޑައެޅިދާނެ ކަމަށް ރާބިއު ވިދާޅުވި އެވެ.
އެ ދައުވާއަކީ އޭރު އަމަލުކުރި ކުރީގެ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ދަށުން ކުރި ދައުވާއެއް ކަމަށްވާއިރު، އެ ގާނޫނުގައި ކުށްކުރުމުގައި ބައިވެރިވުމުގެ ކުށަށް އޮންނަނީ ކޮން އުސޫލުތަކެއްތޯ ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ރާބިއު ވިދާޅުވީ ކުށްކުރަން އުޅުން ނުވަތަ ބައިވެރިވުން ކަމުގައި ބެލެވޭނެ ހާލަތްތައް އެ ގާނޫނުގައި ބަޔާންކޮށްފައި އޮތް ކަމަށެވެ. އަދި އެ މައްސަލާގައި ދައުލަތުން ދައުވާކުރި 88 ވަނަ މާއްދާގައި އޮތީ ޝަރުއީ ނުވަތަ ގާނޫނީ އަމުރަކަށް ނުކިޔަމަންތެރިވެ ކުރާ އަމަލެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ، އެކަމަށް އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބެއް ކަނޑައެޅުމަށް ކަމަށް ވެސް ރާބިއު ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ބެންޗުން ވަނީ އެ ކުއްޖާގެ ކުށުގެ ރެކޯޑާ ގުޅޭގޮތުން އެ ކުއްޖާއާ ވެސް ސުވާލު ކުރިމަތި ކުރައްވައިފަ އެވެ. ޖަލު ހެދުމުގައި ހާޒިރުކޮށްފައި އިން އެ ކުއްޖާ ބުނިގޮތުގައި މާރާމާރީގެ މައްސަލައަކާއި "މޮޓޯ ކޭޑެއްގެ މައްސަލަ" އެއްގެ ރެކޯޑް އޮންނާނެ އެވެ. މާރާމާރީގެ މައްސަލާގައި ކުށް ސާބިތުވެ، 2009 ގައި ފަސް މަހަށް ގޭ ބަންދުކުރި ކަމަށް ބުންޏަސް، "މޮޓޯ ކޭޑް"ގެ މައްސަލައަކީ ކޮބައި ކަމެއް އެ ކުއްޖާ ނުބުނެ އެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބައްލަވާ އެ މައްސަލާގެ މިއަދުގެ އަޑުއެހުން ނިންމާލެއްވީ އިތުރު އަޑުއެހުމެއް ބާއްވާނެކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދު އޮންނަ ގޮތުން މަރުގެ އަދަބެއް ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން އެ ހުކުމެއް ދެމެހެއްޓުމުންނެވެ. މަރަން ހުކުމް ކޮށްފައި ތިބި މީހުންގެ ތެރެއިން އިސްތިއުނާފް މަރުހަލާތައް ނިމިފައިވަނީ ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމާއި ވަކީލް އަހުމަދު ނަޖީބްގެ ގާތިލް އަހުމަދު މުއްރަތާއި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލްގެ މައްސަލާގަ އެވެ.
މުހީތު މަރާލި މައްސަލާގައި އިތުރު ތިން މީހެއްގެ މައްޗަށް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި ވެސް ދައުވާ ކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ނިމިފައި ވިޔަސް، އެ މައްސަލައިގެ ހުކުމެއް ކްރިމިނަލް ކޯޓުން އަދި ނީއްވަ އެވެ.