ބޮޑުތަކުރުފާނު މަގުގައި އަލަށް ތާރު އެޅި ސަރަހައްދުގައި ބަހައްޓާ ދެ ޕަމްޕު ސްޓޭޝަންގެ ތެރެއިން އެއް ސްޓޭޝަން އިއްޔެ ބޭނުންކުރަން ފަށާފައިވާ ކަމަށާއި އަނެއް ސްޓޭޝަން މާދަމާ ބޭނުންކުރަން ފެށޭނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ބުނި ގޮތުގައި އިއްޔެ ކޮމިޝަންކޮށްފައިވަނީ ޕަމްޕް ސްޓޭޝަން 2 އެވެ. އެއީ މަސްވެރިންގެ ޕާކުގައި ބެހެއްޓި ސްޓޭޝަނެވެ.
އެމްއެމްއޭ ސަރަހައްދުގައި ބަހައްޓާ ޕަމްޕް ސްޓޭޝަން 2، މާދަމާ ކޮމިޝަން ކުރާނެ ކަމަށް ވެސް ބުންޏެވެ.
"މޫސުމީ ބޯ ވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް، ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ބަހައްޓާ ޕަމްޕު ސްޓޭޝަންތަކުގެ ސަބަބުން އެދެވޭ ހައްލެއް ލިބި، އެ ސަރަހައްދުގައި ފެން ހިންދުން އިތުރަށް ހަރުދަނާވެގެންދާނެއެވެ." އެމްޓީސީސީން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވެ އެވެ.
އެމްޓީސީސީން ކުރިން ބުނެފައިވާ ގޮތުގައި، މިދިޔަ މަހު ނިންމައި ބޭނުންކުރަން ފެށި މަގުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ވެސް ފެން ހިންދާ ނިޒާމު ގާއިމުކުރުމާ އެކުގަ އެވެ. އަދި އެ މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އަލަށް ހެދި ބައި ބޭނުންކުރަން ފެށިތަނާ ކުރި ވިއްސާރާގައި ފެން ބޮޑުވުމުން ފާޑުކިޔުން އަމާޒުވި ނަމަވެސް އެމްޓީސީސީން ވަނީ އާންމުންނަށް މަގު ބޭނުން ކުރަން ހުޅުވާލި ނަމަވެސް، ފުރިހަމަ ކުރަން ޖެހޭ ބައެއް މަސައްކަތް އަދިވެސް ކުރިއަށްދާކަން ހާމަކޮށްފައި ވާނެ ކަމަށް ބުނެފަ އެވެ.
އެމްޓީސީސީން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުގެ ބާކީ ތަރައްގީ ނުކޮށް އޮތް ސަރަހައްދު، އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް ތާރު އަޅައިގެން މަގު ހެދުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް މިހާރު ވަނީ ޕްލޭންކޮށްފަ އެވެ.