އުތުރުގެ ތިން އަތޮޅުގެ ގިނަ މީހުން ހިދުމަތް ހޯދާ، ހދ. ކުޅުދުއްފުށީގައި ހުންނަ އެ އަތޮޅު ރީޖަނަލް ހޮސްޕިޓަލުގައި އެމްއާރުއައި މެޝިނެއް ބަހައްޓައި، ހިދުމަތް ދޭން ފަށައިފިި އެވެ. މިއީ މާލެ ފިޔަވައި، އެހެން ރަށެއްގެ ހޮސްޕިޓަލެއްގައި އެމްއާރުއައިގެ ހިދުމަތް ދޭން ފެށި ދެ ވަނަ ފަހަރެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން، މާލެ ލޮކްޑައުންކޮށްފައި އޮތުމުން، ގިނަ އަދަދެއްގެ ބަޔަކު ކުޅުދުއްފުށީ ހޮސްޕިޓަލަށް ހިދުމަތް ދެ އެވެ. އެގޮތުން މިދިޔަ އަހަރު އެކަނި ވެސް ލައްކައަކަށް ވުރެ ގިނަ މީހުން އެތަނުން ފަރުވާ ހޯދި އިރު، އެމްއާރުއައިގެ ހިދުމަތް ލިބެން ނެތުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނި ގޮތުގައި އެ ތަނަށް ޑޮކްޓަރަށް ދައްކަން ދާ މީހުންގެ ތެރެއިން، މަހަކު 50-60 މީހުން، އެމްއާރުއައި ހެދުމަށް މާލެ ފޮނުވަން ޖެހެ އެވެ.
ޖުމްލަ 23 މިލިޔަން ރުފިޔާ ހަރަދުކޮށްގެން، ސަރުކާރުން މި މެޝިން ގެނައީ މިދިޔަ އަހަރު އެވެ. އެކަމަކު މެޝިން ބަހައްޓައި ހިދުމަތް ދޭން ފެށީ، ކުޅުދުއްފުށީގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތަކަށް ފަހު އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން، މީގެ ދެ އަހަރު ކުރިން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ވަނީ އެމްއާރުއައި މެޝިނެއް ބަހައްޓައިފަ އެވެ.