އެމްއާރުއައި މެޝިނަށް ޖެހުނު މައްސަލަ ހައްލުކޮށް، ހަފުތާއެއްގެ ތެރޭގައި ހިދުމަތް ދެވޭނެ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އެމްއާރުއައި މެޝިން ހަލާކުވުމުން ބޭނުން ނުކުރެވޭތާ މަހެއް ވަނީ ކަމަށެވެ.

އެކަން ރަނގަޅުކުރުމަށް ބޭރުގެ އިންޖީނިއަރުންގެ ޓީމެއް ރާއްޖެ އައިސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެ ހިދުމަތް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗްގައި އެމްއާރުއައި ޓެސްޓު ހެދުމަށް އާއްމުކޮށް ބޭނުންކުރަނީ އެ ތަނާއި ދަރުމަވަންތަ ހޮސްޕިޓަލުގައި އިންނަ މެޝިނެވެ. ނަމަވެސް އައިޖީއެމްއެޗްގެ އެމްއާރުއައި ހަލާކުވެފައި ހުރުމުން އެ ހިދުމަތް މި ވަގުތު ދެނީ ދަރުމަވަންތައިގައި ހުންނަ މެޝިނުން އެކަންޏެވެ.

އެހެންވެ، އެ ހިދުމަތް ހޯދުމުގައި ގޮންޖެހުންތައް ވަނީ ކުރިމަތިވެފަ އެވެ.

މީގެ ކުރިން އެމްއާރުއައި ޓެސްޓަށް 1-2 ހަފުތާގެ ތެރޭގައި އައިޖީއެމްއެޗުން އެޕޮއިންޓްމަންޓް ލިބެ އެވެ. ނަމަވެސް، މިހާރު އެ މުއްދަތު ދެ މަސް ދުވަހަށް ވަނީ ދިގުލައިގެން ގޮސްފަ އެވެ.