ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް، އެމްޕީއެލްގެ ކުރީގެ ސީއީއޯ މުހައްމަދު ޖުނެއިދު، ރައީސް އަބަދުﷲ ޔާމީން އަނެއްކާ ވެސް މިއަދު އައްޔަން ކުރައްވައިފި އެވެ.
އެ ބަދަލާއެކު، ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްގެ މަގާމުގައި މިހާތަނަށް ހުންނެވި އިބްރާހިމް ޝަރީފް ވަނީ އޮސްޓްރޭލިއާގެ މެލްބަން އަށް ރާއްޖެ އިން ކަނޑައަޅާފައިވާ ޓްރޭޑް ރެޕްރެޒެންޓޭޓިވް އަކަށް ބަދަލުކުރައްވައިފަ އެވެ.
ޖުނެއިދު ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ކަސްޓަމްސްގެ އިސް މަގާމު މީގެ ކުރިން ވެސް ފުރުއްވައިފަ އެވެ. އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި ހުންވަނިކޮށް، ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ކުޑަ ދުވަސްކޮޅަކަށް ޖުނެއިދު އައްޔަން ކުރެއްވުމަށް ފަހު، އަނެއްކާ ވެސް އެމްޕީއެލްގެ ސީއީއޯ އަކަށް އޭޕްރީލް 2016 ގައި ބަދަލުކުރެއްވި އެވެ.
ރައީސް ޔާމީނާ ގާތްގުޅުމެއް އޮންނަ ޖުނެއިދު އެމްޕީއެލްގެ ސީއީއޯ ކަމުން މިދިޔަ އަހަރުގެ ފެބްރުއަރީ 17 ގައި އިސްތިއުފާ ދެއްވީ، އަމިއްލަ ވިޔަފާރި އަށް ވަގުތު ދެއްވަން ބޭނުންވާތީ ކަމަށް އޭރު ވިދާޅުވި އެވެ. އަދި ސަރުކާރުގެ އެއްވެސް މަގާމަކަށް ދިއުމުގެ ވިސްނުމެއް އެ ދުވަސްވަރު ނުގެންގުޅެއްވާ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.