ރައްޔިތުންގެ މަޖިލިހުގެ ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ އިސް މެމްބަރު ރިޔާޒް ރަޝީދު، މި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.
އޭނާ އެކަން އިއުލާން ކުރެއްވީ ރައީސާ އެކު ނަންގަވާފައިވާ ފޮޓޯއަކާ ރޭ ކުރެއްވި ޓުވީޓެއްގަ އެވެ.
"ހާއްސަ މަޖިލިހުގަ އާއި ރައްޔިތުންގެ މަޖިލިހުގައި އަޅުގަނޑާ އެކު އިސްލާހީ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުގެ އަހު އިބްރާހިމް މުހައްމަދު ސޯލިހަށް މި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދުކުރަން އަޅުގަނޑު ނިންމައިފިން،" ރައީސް ޓެގް ކުރައްވައި ކުރެއްވި ޓުވީޓުގައި ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒްގެ ތާއީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެއްވީ، މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް 5،000 ވޯޓު ލިބި، ބަލިވުމާ ގުޅިގެން ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަން ނިންމެވުމުންނެވެ.
އޭގެ ފަހުން ގާސިމް ވިދާޅުވެފައި ވަނީ، ވަނީ ޖޭޕީގެ ނަން ބޭނުން ނުކޮށް، އެ ޕާޓީގެ މެމްބަރުން ކޮންމެ ކެންޑިޑޭޓަކަށް ތާއީދު ކުރިޔަސް އެންމެ ރަނގަޅު ކަމަށެވެ.