ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ކަންކަން ނިންމަވަނީ ބަޔަކު ޕްރެޝަރު ކޮށްގެން ނޫން ކަމަށާއި އެއީ އަމިއްލަ އަށް ކަންކަން ނިންމަވާ ބޭފުޅެއް ކަމަށް ގާސިމްގެ އެޑްވައިޒަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 24، 25 ގައި ބާއްވާ ޖޭޕީގެ ކޮންގްރެސްގެ ތައްޔާރީތަކާ ގުޅޭ ގޮތުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ވިލުފުށި ދާއިރާގެ މެމްބަރުކަން ކުރިން ކުރެއްވި ރިޔާޒް ވިދާޅުވީ މިހާތަނަށް އިންތިހާބުތަކުގައި މޮޅުވެފައި ވަނީ ގާސިމް އަރުއްވާ ކޮޅެއް ކަމަށާއި އެހެންވެ ޖޭޕީގެ ބޭނުންތެރިކަން ބޮޑު ކަމަށެވެ.

"ބައެއް ބޭބޭފުޅުން ދައްކަވާ ވާހަކައެއް އެއީ ގާސިމަށް ކަންތައްތަކުގައި ޕްރެޝަރު ކުރާ ވާހަކަ. ގާސިމަކީ އަމިއްލަފުޅަށް ކަންކަން ނިންމަވާ ބޭފުޅެއް. އެ ކަން ތިބޭފުޅުން ބައްލަވާ އެ މަނިކުފާނުގެ އަމިއްލަ ވިޔަފާރީގައި ނިންމަވާ ނިންމެވުންތައް. ހޯއްދަވާފައިވާ ކުރިއެރުންތައް. ކާމިޔާބީތައް. ސިޔާސީ ގޮތުން ހޯއްދަވާފައި ހުރި ކާމިޔާބީތައް،" ގާސިމްގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރިޔާޒް ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9 އަކަށް ތާވަލު ކޮށްފައިވާއިރު، ގާސިމް އަދި ވަކި ގޮތެއް ނުނިންމަވަ އެވެ. އެކަމަކު، ޖޭޕީގެ ކައުންސިލްގެ މެމްބަރުންގެ ރޫހު ހުރި ކަމަށް ވަނީ އިންތިހާބުގައި ގާސިމް ވާދަކުރައްވާ ގޮތަކަށެވެ. ނަމަވެސް ގާސިމް އެ ކަމުގައި އަދި ހުންނެވީ ހިމޭނުންނެވެ.

ރިޔާޒް ވިދާޅުވިގޮތުގައި، އެ ބޭފުޅުން ތިއްބެވީ ސިޔާސީ ގޮތުން ގާސިމް ނިންމަވާ ގޮތަކަށް ހިދުމަތް ކޮށްދޭށެވެ.

ޖޭޕީގެ ޖަލްސާއެއްގައި ރިޔާޒް ވާހަކަ ދައްކަވަނީ.
ޖޭޕީގެ ޖަލްސާއެއްގައި ރިޔާޒް ވާހަކަ ދައްކަވަނީ.

"އެ މަނިކުފާނު ނިންމެވީ މާދަމާ ކޮން ޕާޓީއަކާއެކު ދާން ތޯ، އަމިއްލަ އަށް ނުކުންނަވަންތޯ ނުވަތަ ޕާޓީއާއެކު އަނެއްކާ ވެސް ދާންތޯ، އަޅުގަނޑުމެން ތިބޭނީ އެ މަނިކުފާނާއެކީގައި. އަޅުގަނޑުމެންގެ މައްޗަށް ޝައްކު އުފައްދަނީ ކޮން ބައެއްތޯ؟ އެތެރެއިން ވެސް އުފައްދަފާނެ، ބޭރުން ވެސް އުފައްދަފާނެ،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑުމެންގެ އިހުލާސްތެރިކަން އޮތީ ގާސިމާއެކު. އަޅުގަނޑުމެން ގާސިމާއެކު ތިބޭނަން. އެކަން އެ މަނިކުފާނަށް އެނގިވަޑައިގަންނަވާނެ."

ޖޭޕީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން. (ކވ) ރިޔާޒް ރަޝީދު، އިލްހާމް އަހުމަދު، އަލީ އާރިފް އަދި އަހުމަދު ނިހާން.
ޖޭޕީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން. (ކވ) ރިޔާޒް ރަޝީދު، އިލްހާމް އަހުމަދު، އަލީ އާރިފް އަދި އަހުމަދު ނިހާން.

ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ، އެ ޕާޓީގެ "ދޮރު ހުރީ ހުޅުވިފައި" ކަމަށާއި ދިވެހިންގެ ހައްގުގައި ކުރައްވަން ޖެހުނު ކޮންމެ ކަމެއް ގާސިމް މިހާތަނަށް ހުންނެވީ ކުރައްވާފައި ކަމަށެވެ.

"ދެން ވެސް އެ މަނިކުފާނު ކަންތައް ކުރައްވާނީ އެ ގޮތަށް. އެހެންވީމާ އެ މަނިކުފާނުގެ އަރިހުގައި ދާން އަޅުގަނޑުމެން މި ތިބީ ތައްޔާރަށް،" ވައިކަރަދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް ވިދާޅުވި އެވެ.

އެކަމަކު އަޅުގަނޑުމެންގެ އިހުލާސްތެރިކަން އޮތީ ގާސިމާއެކު. އަޅުގަނޑުމެން ގާސިމާއެކު ތިބޭނަން. އެކަން އެ މަނިކުފާނަށް އެނގިވަޑައިގަންނަވާނެ،" ---ރިޔާޒް ރަޝީދު

ރިޔާޒް ރަޝީދު ވިދާޅުވީ، 2013 ގައި ޖޭޕީ އަށް ދެވަނަ ބުރަށް ނުދެވުނީ ޕީޕީއެމާއި ޖޭޕީއާ ދެމެދު 1،500 ވަރަކަށް ވޯޓުގެ ތަފާތު ހުރުމުން ކަމަށެވެ. އޭނާ ވަނީ ޖޭޕީ އަށް ދެވަނަ ބުރަށް ނުދެވުނަސް އެ ހާލަތުގައި ޕީޕީއެމާއެކު ގާސިމް ކޯލިޝަން ނުހެއްދެވި ނަމަ ޕީޕީއެމަށް ވެރިކަން ލިބޭނެތޯ ސުވާލު އުފައްދަވައިފަ އެވެ.

"އެހެންވީމާ ހަޑި ވާހަކަ މިހާރު އެ ދައްކަވަނީ. އެ ވާހަކަ ނުދައްކަމާ ހިނގާ. [ވެރިކަން] ލިބުނު ގޮތެއް [ޕީޕީއެމް] ހަނދާނެއް ނެތޭ،" ޕީޕީއެމުން މިހާރު ޖޭޕީ އަށް އަމާޒުކުރާ ބަހުގެ ހަމަލާތަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ރިޔާޒް ވިދާޅުވި އެވެ.