އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ދިވެހިންނަށް އޮތް ހަމައެކަނި އިޚްތިޔާރަކީ ރައީސް އަބްދުﷲ ޔާމީން ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ގއ. ކޮލަމާފުށީ ރައްޔިތުންނާ ރައީސް ޔާމީން ބައްދަލުކުރެއްވުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ޒަމީރު ވިދާޅުވީ ރާއްޖޭގެ ރަށްރަށަށް އިތުރު ތަރައްގީ ގެންނަން ބޭނުންވާ ނަމަ، ކުރިއަށް އޮތް އިންތިހާބުތައް ސަރުކާރަށް ކާމިޔާބު ކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

ކޮލަމާފުއްޓަކީ ވެސް ތަރައްގީވަމުން އަންނަ ރަށެއްކަން ފާހަގަ ކުރައްވައި ޒަމީރު ވަނީ އެ ރަށުގައި ރައީސް ޔާމީނަށް އޮތް ތާއީދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންނަށް އޮތް ޗޮއިސެއް ނޫން އިންތިހާބު (ރިޔާސީ އިންތިހާބު) ކާމިޔާބު ނުވުމަކީ. ދިވެހިންނަށް އޮތް ހަމައެކަނި ޗޮއިސަކީ 2018 ގައި ރައީސް ޔާމީން ހޮވުން،" ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ޓޫރިޒަމްގެ ސިނާއަތް ގއ. އަތޮޅަށް ގެނައުމަށް ރައީސް ޔާމީން ވަރަށް ބޮޑަށް މަސައްކަތް ކުރައްވަ އެވެ. އެގޮތުން ގއ. އަތޮޅުގައި ޓޫރިޒަމް ފުޅާ ކުރުމަށް ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ރިސޯޓެއް ހުޅުވޭނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"މި ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، އެބަޖެހޭ ދޭދޭ މީހުންގެ ތެރޭގައި ހުރި މައްސަލަތަކާއި ނުތަނަވަސްކަން ދޫކޮށްލައި ރައީސް ޔާމީނާ އެކުގައި މަސައްކަތް ކުރެވޭނެ ގޮތެއް ރާވަން،" ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް، ރައްޔިތުންގެ މަޖިލީހުގެ ވިލިނިގިލީ ދާއިރާގެ ބައި އިލެކްޝަން ސަރުކާރުން ކާމިޔާބު ކުރުމަށް ފަހު، ދާއިރާގައި ދިރިއުޅޭ މީހުންގެ ކައިރި އަށް އަންނާނީ "މާސްޓަ ޕްލޭނަކާ" އެކުގަ އެވެ. އަދި ކޮލަމާފުށީ ރައްޔިތުން ބޭނުންވާ ކަންކަން މިހާރު ވެސް ފުރިހަމަ ކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މާސްޓަ ޕްލޭންގައި ހުރީ ކޮން ކަމެއް ކަން ޒަމީރުގެ ވާހަކައިގައި ފާހަގައެއް ނުކުރައްވަ އެވެ.

"އެކަމަކު، އަޅުގަނޑުމެންގެ ބޭނުންތަކަކީ އަބަދުވެސް އިތުރުވަމުން އަންނަ ކަންކަން. މިސާލަކަށް ބަނދަރު އޮންނާނީ ކުޑަވެފައި. އެއާޕޯޓުގެ ދިގުމިން ކުޑަވާނެ. ފެކްޓަރީގެ އައުޓްޕުޓް ކުޑަވާނެ. އެ ކަންކަން ރަނގަޅުކޮށް، ފުޅާކުރުމަށް މަސައްކަތް ކުރެވޭނެ ވަރުގެ ރައީސެއް ހޮވަން މަސައްކަތް ކުރަން ޖެހޭ،" ޒަމީރު ވިދާޅުވި އެވެ

ޒަމީރު ވިދާޅުވީ ގައުމުގެ ކަންކަން ތަރައްގީ ކުރުމަށް ބޭނުންވަނީ މަސައްކަތް ކުރަން ދަންނަ ވެރިއެއް ކަމަށެވެ. އަދި ގައުމުގެ ތަރައްގީ ހުއްޓުވައި ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުން ހުއްޓާލަން ޖެހޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

ރާއްޖެ އަށް އެތައް ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓްތައް އަންނަނީ ސަރުކާރުގެ އިސް ވެރިން ދައްކަވާ ވާހަކަތަކަށް ބިނާކޮށް ނޫން ކަމަށް ޒަމީރު ވިދާޅުވި އެވެ. ޕްރޮޖެކްޓްތައް އަންނަނީ ރައީސް ޔާމީން ރާއްޖޭގެ ރަށްތައް ތަރައްގީ ކުރެއްވުމަށް ކުރައްވާ މަސައްކަތް ފެނުމާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރާވާފައި ހުރި ގޮތްތަކާއި ކަންތައްތަކުގެ އަމަލީ މަސައްކަތް ފެންނަން ފެށީމަ، ޕްރައިވެޓް އިންވެސްޓަރުން އައިސް މަސައްކަތް ކުރަނީ،" ޒަމީރު ވިދާޅުވި އެވެ.