ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ބޮޑެތި މަޝްރޫއުތައް ނިންމުމަށް އެމަނިކުފާނު، އިތުރު ދައުރަކަށް އިންތިހާބުކޮށްދޭން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމަށް ރ. އިނގުރައިދޫގައި ބޭއްވި ޖަލްސާގައި ޒަމީރު ވިދާޅުވީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު، ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. އެކަމަކު، އެއަށް އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އަންނަ މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބު ޕީޕީއެމަށް ކާމިޔާބުކޮށް ދިނުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޮޑެތި ޕްރޮޖެކްޓްތައް ނިންމުމަށް 2018 ކޮންމެހެން ވެސް ރައީސް ޔާމީނަށް ކާމިޔާބުކޮށްދޭން (ޖެހޭ). އަޅުގަނޑު ޝައްކެއް ނުކުރަން އެކަންތައް ވާނެ ކަމާމެދު،" ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ސަރުކާރުން ރާއްޖޭގެ ރަށްރަށުގައި ހުއްޓުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ހިންގަމުންދާއިރު، ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ނާންނަވަރުގެ ތަރައްގީތައް ރައީސް ޔާމީން ސަރުކާރުގެ އެންމެ ތިން އަހަރު ދުވަހުގެ ތެރޭގައި ވަނީ ގެނެސްދީފަ އެވެ. އަދި ރަށްރަށަށް ތަރައްގީ ގެނައުމުގައި ޕީޕީއެމްގެ ޕީޖީ ގްރޫޕުން މުހިންމު މަސައްކަތްތަކެއް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެ ފިޔަވަޅެއް ވެސް ނާޅާނަން، 2018 ގައި ރައީސް ޔާމީން ހޮވާފައި ނޫނީ، މި ހުރިހާ ކަމެއްގައި އަޅުގަނޑުމެން އެންމެން ބައިވެރިވެގެން ކުރަން ވާނީ،" ޒަމީރު ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ރަށްރަށް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނައިރު، އިދިކޮޅު ފަރާތްތަކުން ޖެއްސުން ކުރުމުގެ އަމަލުތަކެއް ހިންގަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި މެމްބަރުން ބައިވެރިވެވަޑައިނުގެންނެވޭ ގޮތަށް ތަފާތު ގޮންޖެހުންތަކެއް ކުރިމަތި ކުރި ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް މަޖިލިހުގެ ގަވައިދަށް ބަދަލު ގެނައީ ޕީޕީއެމް މެމްބަރުން ކުރަން ބޭނުންވި ކަމެއް ނޫނެވެ. އެކަމަކު މަސީހުގެ އިތުބާރު އޮތް ކަމަށް ފާސްކުރީމަ، އަނެއްކާ އެ މައްސަލަ މަޖިލިހަށް ވެއްދުމަކީ "ކުޅޭ ކުޅޭ" ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އިނގުރައިދޫގައި އެކަނިވެސް 100 މިލިއަން ރުފިޔާގެ މަޝްރޫއު ހިނގަމުން އަންނަ ކަމަށެވެ. އެހެންވެ، "މިވަރު ހެޔޮވަރު ނުވާނެ" ކަމަށް ގަބޫލު ކުރެވޭ ސިޔާސީ ވެރިން އެންމެ ހައްގީ ހަމަހިމޭނުން ގޭގައި ތިއްބެވުން ކަމަށް ސައީދު ވިދާޅުވި އެވެ.

ރައީސް ޔާމީނަކީ ރާއްޖޭގެ ތާރީހު ނުދެކޭ އިހްލާސްތެރި، ހިންގުންތެރި، ކެރޭ ލީޑަރެއް ކަމަށާއި ނުކުރެވޭ ބުނި އެތައް ކަމެއް ކުރަމުން އަންނަ ކަމަށް މާލެ އާއި ހުޅުލެއާ ދެމެދު އަޅަމުން އަންނަ ބްރިޖާއި ސިއްހީ ދާއިރާއަށް އަންނަ ބަދަލުތަކުން މިސާލު ނަންގަވަމުން ސައީދު ވިދާޅުވި އެވެ.

"މި ރާއްޖޭން އަޅުގަނޑުމެން ބޭނުންވާ ވަރަށް އެއް ބުރުން ވޯޓު ނަގާފައި ރައީސް ޔާމީން ހޮވާފައި އަޅުގަނޑުމެން ހުއްޓާލާނީ،" ސައީދު ވިދާޅުވި އެވެ.