ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަހުމަދު ސިރާޖު ހަމަޖައްސައިފި އެވެ.

އެމްޑީޕީގެ މެމްބަރެއް ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ސިރާޖު އެ ޕާޓީ ދޫކުރައްވައި އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތީ މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެވެ. ރިޔާސީ އިންތިހާބު ބޭއްވި މަހު އޭނާ ވަނީ ޕީއެންސީ އަށް ސޮއިކުރައްވައިފަ އެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އިއުލާން ކުރެއްވި ގޮތުގައި ޕީއެންސީގެ އާ ފީޖީ ލީޑަރަކީ ސިރާޖު ކަން އެ ޕާޓީން ވަނީ މަޖިލިހުގެ އިދާރާ އަށް އަންގައިފަ އެވެ.

މަޖިލީހުގައި މިހާރު ޕީއެންސީ ތަމްސީލު ކުރައްވަނީ ދެ މެންބަރެކެވެ. އެއީ ސިރާޖާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ. އެ ދެ ބޭފުޅުން ވެސް ޕީއެންސީއާ ގުޅިވަޑައިގަތީ ވަރަށް ފަހުންނެވެ.

މީގެ ކުރިން ޕީއެންސީގެ ޕީޖީ ލީޑަރުގެ މަގާމުގައި ހުންނެވީ މަޑުއްވަރީ ދާއިރާގެ މެންބަރުކަން ކުރެއްވި އާދަމް ޝަރީފެވެ. އޭނާއަކީ މިހާރު ލޯކަލް ގަވަނަސް މިނިސްޓަރެވެ.

ރައްޔިތުންގެ މަޖިލިހުގައި ޕީޕީއެމް/ޕީއެންސީގެ ކުރިން 8 މެމްބަރުން ތިއްބެވި ނަމަވެސް އަދަދު މަދުވީ އެ ކޯލިޝަނުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުން އޭގެ ތެރެއިން ގިނަ މެމްބަރުން މިނިސްޓަރުންނަށާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންނަށް ހަމަޖެއްސުމުންނެވެ.