ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް މިރޭ ސޮއިކުރައްވައިފި އެވެ.

މިދިޔަ އޮގަސްޓު މަހު އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު، ސިރާޖު ގެންދަވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކުރައްވައި ކެމްޕެއިނުގައި ހަރަކާތްތެރިވަމުންނެވެ.

އޭނާ ރަސްމީކޮށް ޕީޕީއެމާ މިރޭ ގުޅިވަޑައިގަތީ ލ. ގަމު އާބާދު ސަރަހައްދުގައި ބޭއްވި މުއިއްޒުގެ ކެމްޕެއިނު ޖަލްސާގަ އެވެ. މި ޖަލްސާގައި ސިރާޖު ވަނީ މެންބަޝިޕް ފޯމު މުއިއްޒާއި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) އާ ހަވާލުކުރައްވައިފަ އެވެ. 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ފޮނަދޫ ދާއިރާގެ މަޖިލިސް ގޮނޑި ސިރާޖު ކާމިޔާބު ކުރައްވާފައިވަނީ އަދުރޭ އާ ވާދަކޮށެވެ.

ސިރާޖު ޕީޕީއެމާ ގުޅިވަޑައިގަތުމާ އެކު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ތަމްސީލް ކުރާ މަޖިލިސް މެންބަރުންގެ އަދަދަކީ ހަތެކެވެ. އަދި، ލ. އަތޮޅުގެ ހަތަރު ދާއިރާގެ ތެރެއިން ދެ ދާއިރާގައި ތިއްބަވާނީ އިދިކޮޅު މެންބަރުންނެވެ.

ސިރާޖާއެކު މި ރަށާއި އަތޮޅުން ގިނަ ބަޔަކު މިރޭ ވަނީ މުއިއްޒަށް ތާއީދުކުރައްވައި، ޕީޕީއެމަށް ސޮއިކުރައްވައިފަ އެވެ. އޭގެ ތެރޭގައި އަތޮޅު ކައުންސިލް ރައީސް އިސްމާއީލް އަލީ އާއި ބައެއް ސިޔާސީ މަގާމުތަކުގައި ތިބި މީހުން ހިމެނެ އެވެ.