ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރުގެ ސްޕީޑު އަވަސްވެ، ރައްޔިތުންނަށް އިނާމުތަކާއި ވަޒީފާތައް އިތުރުވާތީ، ކޮންމެ ހަ މަހަކުން އިންތިހާބު ބާއްވަން ޖެހޭ ކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ގެ މަލާމާތް އަމާޒުވެއްޖެ އެވެ.

އިންތިހާބުތަކާ ދިމާކޮށް ސަރުކާރުން ނުފޫޒު ބޭނުންކުރުމާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ގޮވާލައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސްގައި މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ ކޮންމެ ފަސް އަހަރަކުން ދައްކަން މި ޖެހެނީ ހަމަ އެއް ވާހަކައެއް ކަމަށެވެ.

މިކަން ބަދަލުކުރަން ބޭނުންނުވަންޏާ، ވައްޑެ ވިދާޅުވި ގޮތުގައި އަހަރު ދެކޮޅު އިންތިހާބު ބާއްވާ ގޮތަށް ނިޒާމު ބަދަލުކުރަންޖެހެ އެވެ.

"އިންތިހާބީ މޫސުމުގައި މި ލިބޭ ނަފާ ވެރިކަން. ކެންޑިޑޭޓުން ބުރަހެލިކަން ނެތި ގޮސް، ކެންޑިޑޭޓުން ހިކި އަނަރޫފަވެ މި މުރާލިވާ މުރާލިވުން. ރަށުތެރެ ތިޔާގިވާ ތިޔާގިވުން. ވަޒީފާ އިތުރުވެގެންދާ މިންވަރު،" އިންތިހާބީ މޫސުމުގައި ވޯޓަށް ނުފޫޒު ފޯރުވަން ސަރުކާރުތަކުން ގެންގުޅޭ އުކުޅުތަކަށް މަލާމަތް ރައްދުކުރައްވައި އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން ވަކިވެ މިހާރު ޑިމޮކްރެޓްސްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ވައްޑެ ވިދާޅުވި ގޮތުގައި، ސަރުކާރެއްގެ ހަތަރު އަހަރު އެއްވެސް ކަމެއް ނުކޮށް ތިބެފައި، އިންތިހާބީ މޫސުމުގައި ވަޒީފާ ތަކާއި އެކްސްކެވޭޓަރުތައް ގެނެސް ރަށު ތެރޭގައި އަތުރާލަ އެވެ.

"ދައުރެއް ފެށި، ހަތަރު އަހަރު، ހަތަރު ބައި ވެގެންދާއިރު ނުހޭލާ މީހުން، ވޯޓަށް ވީމަ ބަންދު ދުވަހެއް ނުބަލައި އެ ތިބެނީ ދަންވަރު ގަޑިއެއް ނުބަލައި އޮފީސްތައް ހުޅުވައި އެ ތިބެނީ ބޯހިޔާވަހިކަން ބާރަށް ހިންގަން،" މި ބާރު ސްޕީޑު ބޭނުންވާ ނަމަ ކޮންމެ ހަ މަހަކުން އިންތިހާބު ބާއްވަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިހާބުގެ ތެރެއިން ވާ ވައުދުތައް ނުފުއްދާ ކަމުގެ ޝަކުވާ ކޮންމެ ފަސް އަހަރަކުން ކުރުމުގެ ބަދަލުގައި މި ނިޒާމަށް މިހާރު ބަދަލުގެންނަންޖެހޭ ކަމަށް ވައްޑެ ވިދާޅުވި އެވެ.