ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރު ދީފައިވާ ކަމަށް ބުނާ މަައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފުލުހުންނަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ އިދާރާއިން އެ މައްސަލަ ކުށްވެރިކޮށް މިއަދު ނެރުނު ބަޔާނެއްގައި ބުނީ މެންބަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެސް ފުލުހުގައި އެދިފައިވާނެ ކަމަށެވެ.

ޝިފާއުއަށް މަރުގެ އިންޒާރު ދީފައި މިވަނީ، މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ހުށަހެޅުއްވުމުން، އޭނާއަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް މީހަކު ފޭސްބުކުގައި ކުރި ޕޯސްޓެއްގަ އެވެ.

ޝިފާއުއަށް މަރުގެ އިންޒާރު ދިން މައްސަލަ އެމްޑީޕީން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

އެ ޕާޓީން ރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، ގާނޫނުއަސާސީން މަޖިލީހުގެ މެމްބަރުންނަށް އެ މެމްބަރުންގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން އެ މެމްބަރުން ހާމަކުރައްވާ ހިޔާލުތަކާއި، މަޖިލީހުގައި ކުރައްވާ މަސައްކަތްތަކާ ގުޅިގެން މަރުގެ އިންޒާރުދިނުން ހަރު އަޑުން ކުށްވެރިކުރާ ކަމަށެވެ.

މީގެއިތުރުން، މަޖިލީހުގެ މެމްބަރުންނަކީ ގާނޫނީ ގޮތުން ލިބިދޭ ހާއްސަ އިމްތިޔާޒުތަކުގެ ތެރެއިން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ބަޔަކަށްވާތީ، މަޖިލީހުގެ އެއްމެހާ މެމްބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަލާމަތީ ހިދުމަތްތަކަށް ވެސް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.