އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ރިޔާސަތު ބަލަހައްޓަވާ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ގާނޫނީ ޒިންމާ އަދާނުކުރެއްވޭ ކަމުގެ ހިތްހަމަނުޖެހުން ފާޅުކުރައްވައި އެ ކޮމިޓީން ފޭދޫ ދާއިރާގެ މެމްބަރު މުހައްދު ނިހާދު އެއްފަރާތްވެވަޑައިގެންފި އެވެ.
ނިހާދު ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ އިންތި ކޮމިޓީ ހިންގަނީ އަމިއްލަ އެދުމަށް ކަމަށް ފާޑުވިދާޅުވެފަ އެވެ. މުހިއްމު ބޮޑެތި މައްސަލަތަކާއި ބިލްތައް ނުނިންމާ ހުރި ކަމަށް ވިދާޅުވެ ތަފްސީލްތައް ވެސް އާއްމުކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހެއްކާ ބެހޭ ގާނޫނާއި ކޯޓުތަކާ ބެހޭ ގާނޫނާއި ހައި ކޯޓާއި ބާ އިމްތިހާނާ ގުޅޭ ކަންކަން ކޮމިޓީގައި ވަނީ ލަސްވެފަ އެވެ.
ނިހާދުގެ ޓުވީޓަށް ރައްދު ދިން ބައެއް މީހުން ވަނީ ކޮމިޓީ ނުހިނގާ ވާހަކަ މިއަދު ދެއްކުމުގެ މަގްސަދަކީ ކޮބައިތޯ ސުވާލު އުފައްދައިފަ އެވެ.
ޖުޑިޝަރީ ކޮމިޓީއަށް ނިހާދު ފާޑުވިދާޅުވިއިރު، ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި އޭނާ ތާއީދު ކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށެވެ. ފާޅުގައި ކެމްޕޭން ކުރައްވާ އިރު ބަހުގެ ހަމަލާތައް ވެސް އިންތި ފެކްޝަނަށް އަމާޒުކުރައްވަ އެވެ.