މިފަހަރު އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެމްޕެއިން ކުރާ މީހުންނާ ދިމާކޮށް ޕާޓީގެ އުސޫލުތައް މުގުރަމުންދާ މަންޒަރު ފެންނަ ކަމަށް އެ މަނިކުފާނުގެ ކެމްޕޭން މެނޭޖަރު، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރައްވާއިރު ދެ ބޭފުޅުންގެ ކެމްޕެއިން ޓީމުން ދަނީ އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދެމުންނެވެ.
ދެ ރައީސުން ވާދަކޮށް، އެމްޑީޕީން 2023 އަށް ރިޔާސީ ކެންޑިޑޭޓަކު ހޮވާ ޕްރައިމަރީގެ ކެމްޕެއިން ފޯރިގަދަވެފައިވަނިކޮށް ނާޝިޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީތަކުގައި އަބަދުވެސް ކުރަނީ ވާދަވެރި ކެމްޕެއިނެއް ކަމަށެވެ. އެކަމަކު ދުވަހަކު ހަމަޖެހުން ނަގާލަން މަސައްކަތް ނުކުރާ ކަމަށާއި ނަމަވެސް މިއަދު މަންޒަރު ބަދަލުވެފައިވާ ކަމަށެވެ.
"މިއަދު މި ފެންނަނީ ރައީސަށް ކެމްޕެއިންކުރާ މީހުންނާ ދިމާކޮށް މި އުސޫލުތައް މުގުރާލައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާތަން،" ނާޝިޒުގެ ޓްވީޓުގައިވެ އެވެ.
ނާޝިޒް މިހެން ވިދާޅުވީ ސީދާ ކޮން ހާދިސާއަކާ ގުޅިގެން ކަމެއް ނޭނގެ އެވެ.
ރައީސާއި ނަޝީދަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން ވަރަށް ގާތް ދެ ބޭފުޅުން ނަމަވެސް ދެ ރައީސުންގެ މެދުގައި ވަރަށް ބޮޑަށް ހިޔާލުތަފާތުވެ، ގުޅުން އޮތީ ގޯސްވެފަ އެވެ. ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނާއި ރައީސާ މިހާރު އެއްވެސް ގުޅުމެއް ނެތެވެ.
އެ ގުޅުން ގޯސްވެފައި ވަނީ ދައުރުގެ މެދުތެރެއިން، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށަން ރައީސް އެއްބަސްވެވަޑައި ނުގަތުމުންނެވެ. އޭގެ ފަހުން ސަރުކާރުގެ ސިޔާސަތުތަކަށް ފާޅުގައި ނަޝީދު ވިދާޅުވާން ފެއްޓެވި އެވެ.
މިހާތަނަށް އެ ޕާޓީން ބާއްވާ އެންމެ ވާދަވެރި ރިޔާސީ ޕްރައިމަރީ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އޮތްއިރު ދެ ރައީސުން ވެސް ވިދާޅުވަނީ ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށެވެ.