ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޕަބްލިކް އެކައުންޓްސް (ސީއޭޕީއޭސީ) ގެ ޗެއާއަކަށް ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް މިއަދު އިންތިހާބުކޮށްފި އެވެ.
ކޮމަންވެލްތު ގައުމުތަކުގެ ޕާލިމެންޓް މެންބަރުން އެ ގައުމެއްގެ ދައުލަތުގެ މާލީ ކަންކަމުގައި މިނިވަންކަމާ އެކު ނިންމުންތައް ނިިންމުމާއި މާލީ ގޮތުން ސަރުކާރުތައް ޒިންމާދާރު ކުރުމުގައި ފުރިހަމަ ގޮތްތަކެއް ނިންމަން ހިތްވަރު ދިނުމުގެ ގޮތުން އުފެއްދި ސީއޭޕީއޭސީގައި އެ ޖަމާއަތުގެ 40 ގައުމަކުން ބައިވެރިވެ އެވެ.
ސީއޭޕީއޭސީގެ ޗެއާއަކަށް ނާޝިޒް ހަމަޖެއްސެވީ މިހާރު މަޖިލީހުގައި ކުރިއަށްދާ އެ ޖަމިއްޔާގެ އަހަރީ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުން މިއަދާއި މާދަމާ ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ނާޝިޒް އަކީ ރައްޔިތުންގެ މަޖިލީހުގެ ޕަބްލިކް އެކައުންޓްސް ކޮމިޓީ ނުވަތަ މާލިއްޔަތު ކޮމިޓީގެ މުގައްރިރެވެ. މިދިޔަ އަހަރުން ފެށިގެން އޭނާ ވަނީ ސީއޭޕީއޭސީގެ ވައިސް ޗެއާކަން ވެސް ކުރައްވައިފަ އެވެ.
ސީއޭޕީއޭސީގެ ޗެއާކަން ކުރިން ހުންނެވީ އިނގިރޭސިި ވިލާތުގެ ޕާލިމެންޓް މެންބަރު އަދި އެ ގައުމުގެ ޕަބްލިކް އެކައުންޓްސްގެ ޗެއާ މެގް ހިލާ އެވެ.
ސީއޭޕީއޭސީން އަންނަނީ ކޮމަންވެލްތުގެ ގައުމުތަކުގެ މާލިއްޔަތު ކޮމިޓީތަކަށް މާލީ ދާއިރާގެ ގާނޫނުތައް ހެދުމާއި މާލީ ގޮތުން ނިންމުންތައް ނިންމުމުގައި އެހީތެރިކަން ދެމުންނެވެ.