ސިޔާސީ ދާއިރާގައި ޚަބަރާއި މައުލޫމާތުން ލިބޭ ފައިދާތަކާއި ގެއްލުމާ ބެހޭ ގޮތުން "ސިޔާސީ ކާމިޔާބީ އާއި މީޑިއާގެ ގުޅުން" ގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފޮތެއް ނެރެދެއްވައިފި އެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދަން މަސައްކަތް ކުރައްވާފައިވާ، ޖެންޑާ މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު އިބްރާހިމް މުހައްމަދު ލިޔުއްވި މި ފޮތުގައި ސިޔާސީ ދާއިރާ އާއި މީޑިއާއާ ހުރި ގުޅުމާއި މައުލޫމާތު ފެތުރުމުގައި ނޫސްވެރިންނާއި މީޑިއާތައް އަދާކުރާ ރޯލު ވެސް ހިމެނެ އެވެ. މިއީ ނޫސްވެރިންނަށާއި ސިޔާސީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް އަމާޒުކޮށް އަދި ސްކޫލް ދަރިވަރުންނަށް ވެސް ގިނަ މައުލޫމާތުތަކެއް ލިބޭނެ ފޮތެއް ކަމަށް ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުން 20 އަށް ވުރެ ގިނަ މީހުންނާއި ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރެވޭ 12 މީހަކާ ގުޅޭ ގޮތުން ވެސް މި ފޮތުގެ މައުލޫއާ ގުޅޭ ގޮތުން މައުލޫމާތު ހިމަނާފައިވެ އެވެ.
ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުން ވެރިކަން ހޯއްދެވުމަށް ކުުރެއްވި ކަންތައްތަކާއި އެ މަގާމާ ހަމައަށް ވާސިލްވެވަޑައިގަތުމަށް މީޑިއާ ބޭނުންކުރެއްވި ގޮތް މި ފޮތުގައި ކިޔައިދެ އެވެ. ރާއްޖޭގެ ނޫސްވެރިކަމުގެ ހާލަތާއި ސަރުކާރެއް ކާމިޔާބުކަމާ އެކު ހިންގުމުގައި ނޫސްވެރިކަމުގެ ރޯލުގެ މުހިންމުކަން ވެސް ބަޔާންކޮށްފައިވެ އެވެ.
"މި ފޮތް ހުށަހަޅައިދިނުމުގައި އިސްކަންދީފައި ވާނީ ބައިނަލްއަގުވާމީ ދުނިޔެ އާއި ދިވެހިރާއްޖޭގައި ފަހުގެ ތާރީހުތަކުގައި ހިނގައިފައިވާ މުހިންމު ހާދިސާތަކާއި، ފާހަގަކުރެވޭ އެކި އެކި ޝަހްސިއްޔަތުތަކުން މިސާލު ނަގައިގެން ވަކި ފަރާތަކަށް ބުރަވުމެއް ނެތި،" ފޮތުގެ ފެށުމުގެ ބަހުގައި އިބްރާހީމް ލިޔުއްވައިފައިވެ އެވެ.
ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަނުން މި ފޮތް ދަރަޖަކޮށްފައިވަނީ 15 އަހަރުން މަތި، "ދިރާސާ – އިލްމީ" ފޮތެއްގެ ގޮތުގަ އެވެ.