ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެމްބަރު، މުހައްމަދު ހުސައިނަށް މިފަހަރު ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެއްޖެ އެވެ.
ކަނޑިތީމު ދާއިރާގެ މެމްބަރުގެ ގޮތުން ހަ ވަނަ ދައުރު ފުރިހަމަކުރައްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ މެމްބަރު ބަލިވީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލް ޝަހީމް އަބްދުލް ހަކީމާ ވާދަކުރައްވައި 180 އެއްހާ ވޯޓުގެ ތަފާތުންނެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައީސް އޮފީހުގެ އިސް މަގާމުތަކެއް އަދާކުރެއްވި މުހައްމަދު ހުސައިން ގެންދަވަނީ 1989 ވަނަ އަހަރުން ފެށިގެން މެދު ކެނޑުމެއް ނެތި މަޖިލީހުގެ މެމްބަރުކަން ކުރައްވަމުންނެވެ. އެގޮތުން ފުރަތަމަ ހަތަރު ދައުރު ށ. އަތޮޅުގެ މެމްބަރުކަން ކުރެއްވިއިރު އެންމެ ފަހު ދެ ދައުރު ހުންނެވީ ކަނޑިތީމު ދާއިރާގެ މެމްބަރުގެ ގޮތުގަ އެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓަވާ ބޭފުޅުންގެ ތެރޭގައި ވެސް އޭނާ ހިމެނިވަޑައިގަނެ އެވެ. އަދި މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ޖަލްސާގައި، ރައީސަކު ހޮވެދެން ރިޔާސަތު ބެލެހެއްޓެވީ ވެސް، އެންމެ ގިނަ ދުވަސް ވީ މެމްބަރުގެ ހައިސިއްޔަތުން، މުހައްމަދު ހުސެއިން އެވެ.
މަޖިލިހުގައި އެންމެ ދިގު މުއްދަތެއް ހޭދަކުރެއްވި އަނެއް މެމްބަރު، ހޮޅުދޫ ދާއިރާގެ އަލީ މުހައްމަދު މިފަހަރުގެ އިންތިޚާބުގައި ވާދައެއްނުކުރައްވަ އެވެ.
މިހާރުގެ މަޖިލިހުގައި ދެން އެންމެ ދިގު މުއްދަތެއް ހޭދަކުރެއްވި މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދަށް ވެސް މިފަހަރު ކުރިމަތިވީ ނާކާމިޔާބާ އެވެ. އޭނާއާ ވާދަކުރައްވާ އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ހަސަން ޒަރީރެވެ.
އިއްޔެ ބޭއްވި އާއްމު އިންތިޚާބުގައި އާދަޔާ ހިލާފު ނަތީޖާއަކުން ކުރީގައި އުޅެނީ އެމްޑީޕީ އެވެ. މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ދައްކާ ގޮތުން އެ ޕާޓީން ވަނީ 65 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކޮށްފަ އެވެ.