ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތްޕުޅު ކުރައްވަނީ އިންސާފުވެރިކޮށް އަދި އިޚުލާސްތެރިކޮށް ކަމަށް އެމަނިކުފާނުގެ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި މިހާތަނަށް ތިއްބެވި، ކަނޑިތީމު ދާއިރާގެ މުހައްމަދު ހުސައިނާއި މާވަށު ދާއިރާގެ އަޒްހާން ފަހުމީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވުމަށް ބޭއްވި ހަފްލާގައި ގާސިމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުރަސް އެޅުމުގެ ގޮތުން އެމަނިކުފާނު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އިސްލާހަށް މިއަދު ހުޅުވިފައި މިވަނީ ކުޑަ ދޮރެއް ނޫން. ތައްމިނަށް ހުޅުވާފައިވާ ދޮރެއް. އެ ދޮރުގެ ފޮތިގަނޑު އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ކަހައެއް ނުލާނަން،" ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
އިސްލާހީ މަސައްކަތުގައި ހަރަކާތްތެރިވި އެންމެން ބައިވެރި ކުރައްވައިގެން ސަރުކާރު ހިންގަން އުޅުއްވާކަން ފާހަގަ ކުރައްވަމުން ގާސިމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތްޕުޅު ކުުރައްވަނީ އިންސާފުން އަދި އިޚުލާސްތެރިކަމާ އެކު ކަމަށެވެ.
"މިއަދު ވެސް އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އެ ހުންނެވީ ތައްމިނަށް ދޮރުފޮތިކޮޅު ހުޅުވައިގެން. އިންސާފުގެ މަގުން، އިޚުލާސްތެރިކަމާ އެކު އެމަނިކުފާނު ކުރައްވާ މަސައްކަތްތައް ވަރަށް ގާތުން ފެންނަމުންދޭ،" ކޯލިޝަންގައި ދެވަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވި އެވެ.
މި މަހުގެ 17 ވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ދެމެހެއްޓެވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް މިރޭ ވެސް ގާސިމް ތަކުރާރުކޮށް ވިދާޅުވި އެވެ.
"އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ދެމެހެއްޓުމަށްޓަކައި އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ ކަމެއް އަދި މި ޕާޓީއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވިގޮތުގައި، ރައީސް ކަމަށް ވަޑައިގަތުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގަތަސް އެކަމަށް ފުރުސަތު ނުދެއްވާނެ އެވެ.
"އެ ފުރުސަތު އަޅުގަނޑަށް ލިބުނު ކަމުގައި ވިޔަސް، ކޮން ފުރުސަތެއްތޯ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ލިބުނު ނަމަވެސް އެކަން އަޅުގަނޑު އިސް ނުކުރާނަން. އެކަން އަޅުގަނޑު ބާއްވާނީ ސެކަންޑް ނޫނީ ތާޑް ކެޓަގަރީގައި،" ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، އިސްލާހީ މަސައްކަތުގެ ބައިވެރިންނަށް މި ސަރުކާރުގައި މަގާމުތައް ދެއްވި ނަމަވެސް ހަރުދަނާ ގޮތެއްގައި ކަންކަން ނުކުރާ ނަމަ އެ ބޭފުޅުން މަގާމުން ވަކި ކުރައްވާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.
"ގައުމަށްޓަކައި، ރައްޔިތުންނަށްޓަކައި، ގައުމުގެ ކުރިއެރުމަށް މަސައްކަތްތަކެއް ކުރަން ޖެހޭނީ،" ގާސިމް ވިދާޅުވި އެވެ. "ބަލަދު އަރައިގެން ބަލަން ޖެހޭ ބަޔަކު ތިބި ނަމަ ގާނޫނުގައި އޮތް ގޮތެއްގެ މަތިން ދައުލަތުން ހަރަދު ކޮށްގެން ބަލަމުން ދާނެ."
މިރޭގެ ހަފްލާގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވެސް ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީ އަކީ ރާއްޖޭގެ ޑިމޮކްރަސީގައި މުހިންމު ދައުރެއް އަދާކުރަމުންދާ ޕާޓީއެއް ކަމަށެވެ.
"ގައުމުގެ ޑިމޮކްރަސީގެ ހަޔާތުގައި ދިމާވި ކޮންމެ އިންގިލާބީ ބަދަލެއްގެ ފަހަތުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރޭ،" ގާސިމަށް ތައުރީފް ކުރައްވަމުން އަލީ ހުސައިން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލު ކުރަން ބޭނުން ވިޔަސް ނުވިޔަސް ހަގީގަތް ވާނީ ހަގީގަތަށް. ދެހާސް އަށެއްގައި އަޅުގަނޑުމެން ވެރިކަން ބަދަލު ކުރިއިރު ހުރީ ޖުމްހޫރީ ޕާޓީއާ އެކީގައި. ވެރިކަން ބަދަލުވުމަށް ފަހު އެ އަންނަ ލޮޅުންތަކާއި އޮއިވަރުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަންވާ ގޮތުގެ ވާހަކަ އެއީ މުޅިން އެހެން ވާހަކައެއް. ދެހާސް ތޭރައިގައި ވެސް ވެރިކަން ލިބުނު ބަޔަކަށް، މީހަކަށް ވެރިކަން ލިބުނީ ޖުމްހޫރީ ޕާޓީއާ އެކީގައި. ފަހުން ކަން ވި ގޮތާއި ދެން ވެގެން ދިޔަ ގޮތުގެ ވާހަކަ އަކީ އަދި މުޅިން އެހެން ވާހަކައެއް. ހަމަ އެތަން އަޅުގަނޑުމެންނަށް މިއަދު ވެސް ފެނިގެން ދަނީ."
މެމްބަރު މުހައްމަދު ހުސައިނާއި އަޒްހާންގެ އިތުރުން ދީނީ އިލްމުވެރިޔާ މުހައްމަދު ގުބާދު އަބޫބަކުރާއި ކުޑަކުދިންގެ ދީނީ ޕްރޮގްރާމް ގެނެސް ދެއްވާ އަބްދުއްލަތީފް އަހުމަދާއި ޝެއިހު އަލީ ނަޖީބާއި ކީރިތި ގުރްއާނާ ބެހޭ މަރުކަޒުގެ ކޯޑިނޭޓަރު މުހައްމަދު ނައީމް ވެސް ޖުމްހޫރީ ޕާޓީ އަށް މިރޭ ސޮއިކުރެއްވި އެވެ.