އުމުރުން 65 އަހަރު ވުމުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން މި ހަފްތާގައި ހުށަހަޅުއްވަން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ނިންމަވައިފި އެވެ.

ގާނޫނުއަސާސީ އަށް 2015 ގައި ގެނައި އިސްލާހުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެވޭ މީހުންގެ އުމުރަކީ 30 އަހަރުން ފެށިގެން 65 އަހަރެވެ. އެހެންވެ، 65 އަހަރުން މަތީގެ މީހުންނަށް ރައީސް ކަމަށް ކުރިމަތިލުމުގެ ދޮރު އޭރު ބަންދުވި އެވެ.

ގާނޫނުއަސާސީ އަށް އިސްލާހު ގެނައީ ޕީޕީއެމް/އެމްޑީއޭގެ ކޯލިޝަންގެ މެމްބަރުންނާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީގެ ބައެއް މެމްބަރުންގެ ތާއީދާ ވެސް އެކުގަ އެވެ. ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ފާސްކުރަން ދެކޮޅު މެމްބަރުން ވެސް ތިއްބެވި އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ އުމުރުން 65 އަހަރު ވުމުން، ރައީސްކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު އުވާލަން ހުށައަޅުއްވަނީ ކެރިކުޅަދާނަ ކޮންމެ މީހަކަށް އަދި ވެރިކަން ކުރުމުގެ ޝަރުތު ހަމަވާ ކޮންމެ މީހަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ދޭން ކަމަށެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުގައި އޮންނަ ގޮތަށް ރައީސް ކަމަށް ކުރިމަތިލުމަށް ވަކި އުމުރެއް ނޯވޭ. އެހެންވެ، ރާއްޖޭގައި ވެސް އެފަދަ އުމުރެއް ކަނޑައެޅުން މުހިންމު ނޫން ކަމަށް ދެކެނީ،" އެ އިސްލާހަށް ކުރިން ވޯޓު ވެސް ދެއްވި ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭރު އެ ބަދަލަށް ވޯޓު ދެއްވީ ހާލަތު ދިމާކުރި ގޮތުންނެވެ. އެކަމަކު އެ ހާލަތު މިހާރު ބަދަލުވެފައިވާ ކަމަށް ވިދާޅުވި އެވެ.

"އެންޓި ޑިފެކްޝަން ގާނޫނު ވެސް ފާސްކޮށްފައި، ފަހުން ހަމަ އެ ގާނޫނު އުވާލީ ނޫންތޯ؟ އެހެންވެ، ބިލެއް ފާސްކޮށްފައި އެއަށް ހަމަ އިސްލާހު ގެންނަ ގޮތަށް، އެކިއެކި ގާނޫނުތައް ބަދަލުކުރެވޭނެ ކަމަށް ދެކެނީ،" ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު ކަން ވެސް ކުރައްވާ ފަލާހު ވިދާޅުވި އެވެ.

ގާނޫނުއަސާސީ އަށް އިސްލާހު ގެނެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ތާއީދާ އެކު އެވެ. އެއީ މިހާރުގެ އަދަދު ކަމަށްވާ 85 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ ވޯޓެވެ.

އިދިކޮޅު ފަރާތްތަކުން ކުރިން ވެސް ބުނަމުން އައީ އެ އިސްލާހު އަމާޒުކޮށްފައި ވަނީ ވަކި ބޭފުޅުންތަކަކަށް ކަމަށެވެ.

އޭގެ އެންމެ ބޮޑު އަމާޒަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިވުމުން، އެ ހުރިހާ ބަދަލުތަކެއް މިހާރު ފެންނަނީ އެކޮޅުކޮޅުން ޖަހަމުން އަންނަ ތަނެވެ.