ރ. މަޑުއްވަރީ ދާއިރާއަށް ކުރިމަތިލެއްވި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ލ. މާވަށު ދާއިރާއަށް ކުރިމަތިލެއްވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ހަނިގޮތަކަށް މަޖިލިސް އިންތިޚާބު ކާމިޔާބުކުރައްވައިފި އެވެ.
އިއްޔެ ބޭއްވި އިންތިޚާބުގައި ތަފާތު ބޮޑު ނަތީޖާއަކުން 87 ގޮނޑީގެ ތެރެއިން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ވަނީ 65 އަށްވުރެ ގިނަ ގޮނޑި ހޯދައިފަ އެވެ. އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ވަނީ ބޮޑު ލަދަކާއެކު ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދި ޕީއެންސީގެ ޓިކެޓުގައި ވާދަކުރި އެ ޕާޓީގެ ދެ ނައިބު ރައީސުންގެ ތެރެއިން، އާދަމް ޝަރީފް ކުރި ހޯއްދެވީ މިހާތަނަށް ލިބުނު މައުލޫމާތުތަކުން 863 ވޯޓާ އެކުގަ އެވެ. އޭނާއާ ދެން އެންމެ ގާތުން ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް ޝިހާމަށް ލިބިވަޑައިގަތީ 833 ވޯޓެވެ.
އެއީ 30 ވޯޓުގެ ފަރަގެކެވެެ.
މަޑުއްވަރީ ދާއިރާއިން ނަތީޖާ ނުލިބޭ 17 ފޮށްޓެއް ބާކީ ހުރިއިރު އެ ފޮށިތަކަށް ވޯޓުލާން ރަޖިސްޓްރީކޮށްފައި ވަނީ 28 މީހުންނެވެ. އެހެންކަމުން ނަތީޖާއަށް ބަދަލު އަންނާނެވަރުގެ ތަފާތެއް ނެތެވެ.
އެ ދާއިރާ އަށް ވާދަކުރެއްވި މިހާރުގެ މެމްބަރު މުހައްމަދު އަމީތަށް މިހާތަނަށް ލިބިވަޑައިގަތީ 485 ވޯޓެވެ.
މާވަށު ދާއިރާގެ ގޮނޑި ސައީދު ކާމިޔާބުކުރެއްވީ 23 ވޯޓުގެ ތަފާތަކުން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ފަލާހާ ވާދަކުރައްވައިގެންނެވެ. ޖޭޕީގެ ޓިކެޓުގައި ވާދަކުރެއްވި އެ ދާއިރާގެ މިހާރުގެ މެމްބަރު އަޒްހާން ފަހުމީ އަށް ލިބިވަޑައިގަތީ ތިން ވަނަ އެވެ.