އެމްޑީޕީން ކުރިން ގެންގުޅުނީ ވީހާ ވެސް ގިނަ ވަޒީރުންނަށް ރުހުން ދިނުމުގެ ވިސްނުން ކަމަށާއި އެކަމަކު މަޖިލީހުގެ ތެރޭގައި ހިނގައިދިޔަ ކަންކަމުން އެ ރޫހު ބަދަލުވެފައިވާ ކަމަށް، އެ ޕާޓީގެ ޕީޖީ ގްރޫޕުން ރޭ ބުނެފި އެވެ.
އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ދެ ފަހަރެއްގެ މަތިން ޖަލްސާ ތާވަލްކޮށް، ކުރިއަށްގެންދަން އިއްޔެ މަސައްކަތްކުރިއަސް، ދެ ޕާޓީގެ ތެރޭގައި އުފެދުނު ހިތްހަމަނުޖެހުމާއި މަޖިލިސް ތެރޭ މާރާމާރީ ހިންގުން ފަދަ ހަމަނުޖެހުންތަކާ ހެދި ޖަލްސާ ކުރިއަކަށް ނުގެންދެވުނެވެ.
މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ބޭއްވި ނިއުސް ކޮންފަރެންސްގައި، މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ އިއްޔެއަކީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ކަޅު ދުވަހެއް ކަމަށެވެ.
މަޖިލީހުގައި މަސައްކަތްކުރާނެ ފުރުސަތު ފަހިވެފައި އޮންނަންޖެހޭނެ ކަމަށާއި އެކަމަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ފޯރައިގެން ނުވާނެ ކަމަށް ވިޔަސް، އިއްޔެގެ ޖަލްސާތަކުން ފެނުނީ، ސަލީމް ވިދާޅުވި ގޮތުގައި، ބާރާއި ނުފޫޒު އޮތް ފަރާތްތަކުން ނުފޫޒު ފޯރުވި ތަނެވެ.
ވަޒީރުންނަށް ރުހުން ދިނުމަކީ މަޖިލީހަށް ދީފައި އޮތް ބާރެއް ކަމަށާއި އެކަމުގައި އަމަލުކުރާނެ ގޮތެއް އެނގޭނީ އެ މެމްބަރަށް ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. އެ އުސޫލުން، މިނިސްޓަރުންނަށް ރުހުން ދިނުމާ މެދު އެމްޑީޕީގެ ޕީޖީން ނެރުނު ވިޕަކީ އެ ޕާޓީގެ އަމިއްލަ ނިންމުމެއް ކަމަށާއި އެކަމަށް ނުފޫޒު ފޯރުވުމަކީ ގާނޫނާ ހިލާފުވުމެއް ކަމަށް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ހުރަސްއެޅީ ކީއްވެގެން ކަން އަދި ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެމްޑީޕީން ތިބީ، ގާނޫނުގައި ބުނާ ގޮތަށް، މިނިސްޓަރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހުރިހާ ވަޒީރުންނަށް ރުހުންދިނުމަށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ މީގެ ކުރިން ނިންމައިފަ އެވެ. ސަލީމް ވިދާޅުވީ އެ ކޮމިޓީން ބެލީ މިނިސްޓަރު ކަމަށް، ގާނޫނު އަސާސީގައި ބުނާ ޝަރުތުތައް ހަމަވޭތޯ ކަމަށެވެ. މަޖިލީހުގެ ހުރިހާ ކަމެއް ވެސް ނިންމަނީ މަޖިލީހުގެ ތަޅުމުން ކަމަށް ވާތީ، ކޮމިޓީއަކުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، ޑިއު ޕްރޮސެސް ކުރިއަށްގެންދިއުމަށް ފުރުސަތު ލިބެންޖެހޭނެ ކަމަށާއި އެ ފުރުސަތު ދިން ނަމަ ނުކުންނާނެ ނަތީޖާ ނޭނގޭ ކަމަށް ވިދާޅުވި އެވެ. ސަލީމް ވިދާޅުވި ގޮތުގައި އޭރު މެމްބަރުންގެ ރޫހު ހުރީ، ވީހާ ވެސް ގިނަ މިނިސްޓަރުންނަށް ރުހުން ދިނުމަށެވެ.
"އެހެން ނަމަވެސް، މި ހިނގާ ދިޔަ ކަންތައްތަކާ ގުޅިގެން އަޅުގަނޑުމެން މެމްބަރުންގެ ވިސްނުން ވަރަށް ބޮޑަށް ބަދަލުވެއްޖެ. މިހާރު، ކުރިން ހުރި ރޫހު ވަރަށް ތަފާތުކޮށް އަޅުގަނޑަށް އިހުސާސްކުރެވެނީ." ސަލީމް ވިދާޅުވި އެވެ.
އެމްޑީޕީން އިއްޔެ ބޭއްވި ޕީޖީ ބައްދަލުވުމުގައި ނިންމާފައިވަނީ، އެޓާނީ ޖެނެރަލް އަހުމަދު އުޝާމާ އެކު އިތުރު ތިން ވަޒީރުންނަށް ރުހުން ނުދިނުމަށެވެ. އެ ބޭފުޅުންނަކީ؛
- ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ސަލީމް ވިދާޅުވީ ރޭގެ ޖަލްސާ ފެށުމުގެ މާ ކުރިން، ސަރުކާރަށް ތާއިދުކުރާ މެމްބަރުން އެ ތަނުގެ ތެރެއަށް ވަދެވަޑައިގެން، ވޯޓުލާން ބޭނުންކުރާ ކާޑުތަކާއި މައިކުތައް އުފުރާލައިގެން ގެންދިޔަ ކަމަށެވެ. އެތެރެއަށް ވަދެވަޑައިގެންނެވުނީ އެތަން "ޕެރެލައިޒް"ވި ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އިއްޔެ ހިނގި ކަމަކުން އެމްޑީޕީ ޕީޖީގެ އަޒުމަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި ނުވެސް އަންނާނެ ކަމަށް ވިދާޅުވި އެވެ. ވޯޓު ލުމުގައި ނިންމާނީ ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ކަމަށާއި އެއްވެސް ނިންމުމަކަށް ބަދަލެއް ނާންނާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ މަޖިލީހުގެ ޖަލްސާ ކުރިއަށްގެންދަން ވަރަށް މަސައްކަތްކުރި ކަމަށެވެ. ނަމަވެސް، ސަރުކާރަށް ތާއިދުކުރާ މެމްބަރުން އެ ފުރުސަތު ނުދެއްވީ ކަމަށް ވިދާޅުވެ، އޭގެ ހެއްކަކަށް އޭނާ ދެއްކެވީ، މަޖިލީހުގެ ޖަލްސާއަށްފަހު އެ މެމްބަރުން ރައީސް އޮފީހަށް ވަޑައިގަތުމެވެ.
އެމްޑީޕީ ޕީޖީ ލީޑަރު، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުން ލަސްވެގެން ދާތީ އެމްޑީޕީއަށް އެކި ތުހުމަތުތައް ކުރަމުންދާ ކަމަށެވެ. ނަމަވެސް، އެކަން ދިގުލައިގެން ދަނީ ސަރުކާރުގެ މެމްބަރުންނާ ހެދި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، ރޭ 8:00 އިން ފެށިގެން ރޭ ވަރަށް ލަސްވެންދެން މަސައްކަތްކޮށްގެން ވެސް ޖަލްސާ ކުރިއަށްގެންދެވޭ ގޮތެއް ނުވި ކަމަށް ބިގޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރޭގެ ޖަލްސާ ފެށުމުގެ ކުރިން، ސަރުކާރު މެމްބަރުން މަޖިލީހުގެ ތަޅުމަށް ވަޑައިގެން ޖެކްތައް ފޮރުވައި ސައުންޑުތައް ނަގައި، އެ ގުޅާފައި ހުރި ކަރަންޓު ނަރުތައް ބުރިކޮށްލީ ކަމަށެވެ. އަޑުނުލިބޭތީ އެ ސަބަބާ ހުރެ ޖަލްސާ ފެށުމުގެ ފުރުސަތު، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް އިއްޔެ ލިބިވަޑައިނުގެންނެވީ ކަމަށް ވިދާޅުވި އެވެ.
މެމްބަރުންނަށް ރުހުންދިނުމާ މެދު ގޮތެއް ނިންމަން މިއަދު 11:00 އަށް ވެސް ވަނީ ޖަލްސާ ތާވަލްކޮށްފަ އެވެ.