ސަރުކާރަށް ފާޑުކިޔާ ދެ ވެބްސައިޓެއް ބްލޮކް ކުރި މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑު) ވިދާޅުވީ ހިޔާލުފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ގާނޫނުއަސާސީގައި ފުޅާ ދާއިރާއެއްގައި ދީފައިވާ އިރު ހަބަރާއި މައުލޫމާތު ފަތުރަމުން ދިޔަ ދެ ވެބްސައިޓެއް ބްލޮކްކޮށް ސަރުކާރުން އެ ހައްގަށް ހުރަސް އަޅަމުންދާ ކަމަށެވެ.
އެ ވެބްސައިޓުތައް ބްލޮކް ކުރުމަކީ ގާނޫނުއަސާސީއާ ހިލާފު އަދި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ދީފައިވާ އިންޒާރެއް ކަމަށާއި އެއީ ޑިމޮކްރެސީގެ ހިޔާތުގައި އެތައް އަހަރެއް ސޮއްސާލައިގެންދާ ފަދަ ބިރުވެރި ނިންމުމެއް ކަމަށް މޯޑު ވިދާޅުވި އެވެ.
"ނޫސްވެރިންނާއި ނޫސްތަކަށް ބިރުދެއްކުމުގެ ގޮތުން އޮންލައިން ނޫސްތައް ބްލޮކް ކުރުމުގެ ސިލްސިލާ ހުއްޓާލުމަށާއި ހައްގުތައް ފުރިހަމަ ގޮތުގައި ދިނުމަށް ސަރުކާރަށް ގޮވާލަން،" މޯޑު ވިދާޅުވި އެވެ.
މަޖިލީހުން ވަނީ އެ ކުއްލި މައްސަލާގައި ބަހުސް ކުރުމަށް ފާސްކޮށްފަ އެވެ.
އަދި މިހާތަނަށް އެ މައްސަލައިގައި ބަހުސް ކުރއްވި އެމްޑީޕީގެ މެންބަރުންނާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން ވެސް ވަނީ އެ މައްސަލާގައި ސަރުކާރުގެ ނިންމުމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.
ދެ ވެބްސައިޓު ބްލޮކް ކުރި މައްސަލަ ދިފާއުކޮށް ސަރުކާރުން ބުނީ ރަޖިސްޓާ ކޮށްގެން ހިންގާ އެއްވެސް ނޫހެއް ބްލޮކް ކޮށްފައި ނުވާ ކަމަށެވެ.
ނަމަވެސް ރަޖިސްޓާ ނުކޮށް ވެސް މީޑިއާ ހިންގޭ ކަމަށާއި ފާޑުކިޔާ ވެބްސައިޓުތައް އެއްވެސް އުސޫލެއް ނެތި ބްލޮކް ކޮށްގެން ނުވާނެ ކަމަށް ބުނެ ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުން ވެސް ވަނީ އެ މައްސަލާގައި ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.