ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިސްމާއިލް އަހުމަދުގެ މައްޗަށް ދަރަނި ދައްކަން ސިވިލް ކޯޓުން މިއަދު ކުރި ހުކުމް ބާތިލް ކޮށްދޭން އޭނާގެ ފަރާތުން އެ ކޯޓަށް ހުށަހަޅައިފި އެވެ.

އޭނާގެ މައްޗަށް ސާބިތުވީ ތ. ކަނޑޫދޫ ސްކޫލްގެ ތިން ކްލާސްރޫމެއް އިމާރާތްކުރުމުގެ މަސައްކަތް އޭނާގެ ކުންފުންޏަކުން ނަގައި، އެ މަސައްކަތް ހަވާލުކުރި ސަބް-ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ނުދީ އޮތުމުން އަރާފައިވާ ދަރަންޏެވެ. އެއީ 856،830 ރުފިޔާ އެވެ.

އިސްމާއިލްގެ ކުންފުންޏާ އެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކުރީ 2018 ވަނަ އަހަރު އެވެ. މަސައްކަތް ސަބް-ކޮންޓްރެކްޓްކުރީ މޫސާ ހަލީލް ކިޔާ މީހަކަށެވެ.

މޫސާ ހަލީލް ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައި ވަނީ އޭނާ އަމިއްލަ ތަކެތީގައި ކުރި މަސައްކަތާއި އަަގަށް އިސްމާއިލް 1.2 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށެވެ.

އެ ފައިސާގެ ތެރެއިން މިހާތަނަށް 425،000 ރުފިޔާ ލިބިފައިވާ ކަމާއި ކޯޓު މެދުވެރިކޮށް ހޯދަން އެދެނީ 856،830 ރުފިޔާ ކަމަށް މޫސާ ހަލީލްގެ ދައުވާގައި ވެ އެވެ.

ދައުވާ ޖަވާބުދާރީވާން ކޯޓުން ދިން ފުރުސަތުގައި މެމްބަރު އިސްމާއިލް ޖަވާބުދާރީއެއް ނުވި އެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހު ސިވިލް ކޯޓުން އޭނާގެ މައްޗަށް ދަރަނި ސާބިތުވާ ކަމަށް ޣައިރު ހާޒިރުގައި ކުރި ހުކުމްގައި ވަނީ މޫސާ ހަލީލަށް ދޭން ޖެހޭ 856،830 ރުފިޔާ 15 ދުވަސް ތެރޭ ދައްކާ ހަލާސް ކުރުމަށެވެ.

މިކަމާ ގުޅިގެން އިސްމާއީލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ މަޝްރޫއުގައި ދޭން ޖެހޭ ފައިސާތަކެއް ކަމަށް ބުނެ މީގެ ކުރިން ވެސް މި މައްސަލަ ކޯޓަށް ހުށަހެޅި ކަމަށާއި 2020 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލަ ނިންމާފައިވަނީ މޫސާ ހަލީލަށް ދޭން ޖެހޭ ފައިސާއެއް ނެތް ކަމަށެވެ.

މޫސާ ހަލީލަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީފައިވާ ކަން އޭރު ސިވިލް ކޯޓުން ހުކުމް ކުރި ގަޒިއްޔާއިން އެނގެން އޮންނާނެ ކަމަށް ވެސް ބަޔާނުގައި އިސްމާއިލް ވިދާޅުވި އެވެ.

"އެ ނިންމުމަކީ މޫސާ ހަލީލްގެ ފަރާތުން އިސްތިއުނާފު ކޮށްފައި ނުވާ، ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ނިހާއީ ނިންމުމެކެވެ،" އިސްމާއިލް ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ، އެ މައްސަލަ ނިމިފައިވަނިކޮށް، އޭނާގެ ޣައިރު ހާޒިރުގައި ދަރަނި ސާބިތުވާ ކަމަށް ނިންމާފައިވަނީ ސިޔާސީ މަގްސަދެއްގައި ކަމަށެވެ. މިއީ ނިޒާމުގެ ނަހަމަ ބޭނުން ކޮށްގެން ސިޔާސީ ގޮތުން ފިއްތުންތަކެއް ކުރިމަތިކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް އޭނާ ތުހުމަތު ކުރައްވަ އެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައިވާ ގޮތުން އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މެންބަރު ކަމުގެ ޝަރުތު ހަމައެއް ނުވާނެ އެވެ.