ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދުގެ މައްޗަށް ދަރަންޏެއް ސާބިތުވެ، 15 ދުވަސް ތެރޭގައި އެ ދައްކާ ހަލާސްކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައިވާ ގޮތުން އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މެންބަރު ކަމުގެ ޝަރުތު ހަމައެއް ނުވާނެ އެވެ.
އެހެންކަމުން، 15 ދުވަސް ތެރޭގައި މެންބަރު އިސްމާއިލް މި ދަރަނި އަދާ ނުކޮށްފި ނަމަ، އޭނާގެ ގޮނޑިއާ މެދު ސުވާލު އުފެދޭނެ އެވެ. އޭނާ މިހާރު ވެސް ގެންދަނީ އަންނަ މަޖިލީހަށް ދުވާފަރު ދާއިރާ އިން އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަމުންނެވެ.
މެންބަރުގެ މައްޗަށް ސާބިތުވީ ތ. ކަނޑޫދޫ ސްކޫލްގެ ތިން ކްލާސްރޫމެއް އެޅުމުގެ މަޝްރޫއު އޭނާގެ ކުންފުންޏަކުން ނަގައި، އެ މަސައްކަތް ހަވާލުކުރި ސަބް-ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ނުދީ އޮތުމުން އަރާފައިވާ ދަރަންޏެވެ. އެއީ 856،830 ރުފިޔާ އެވެ.
މި މަޝްރޫއުއަކީ އިސްމާއިލްގެ ކުންފުންޏާ 2018 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކުރި މަޝްރޫއު އެވެ. މަސައްކަތް ސަބް-ކޮންޓްރެކްޓްކުރީ މޫސާ ހަލީލް ކިޔާ މީހަކަށެވެ. އޭނާ ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ބުނަނީ އޭނާ އަމިއްލަ ތަކެތީގައި ކުރި މަސައްކަތާއި އަަގަށް އިސްމާއިލް 1.2 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށެވެ.
އެ ފައިސާގެ ތެރެއިން މިހާތަނަށް 425،000 ރުފިޔާ ލިބިފައިވާ ކަމާއި ކޯޓު މެދުވެރިކޮށް ހޯދަން އެދެނީ 856،830 ރުފިޔާ ކަމަށް މޫސާ ހަލީލްގެ ދައުވާގައިވެ އެވެ.
ދައުވާ ޖަވާބުދާރީވާން ކޯޓުން ދިން ފުރުސަތުގައި މެންބަރު އިސްމާއިލް އަހުމަދު ޖަވާބުދާރީވެފައިނުވާއިރު މިދިޔަ މަހުގެ 29 ވަނަ ދުވަހު ސިވިލް ކޯޓުން އޭނާގެ މައްޗަށް ދަރަނި ސާބިތުވާ ކަމަށް ހުކުމް ކުރީ ޣައިރު ހާޒިރުގަ އެވެ.
އެ ހުކުމްގައި އަންގާފައިވަނީ މޫސާ ހަލީލަށް ދޭން ޖެހޭ 856،830 ރުފިޔާ 15 ދުވަސް ތެރޭ ދައްކާ ހަލާސްކުރުމަށެވެ.