ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން ނަގާ ހިޔާލު ހޯދުމުގެ ވޯޓެއް ފާސްވެއްޖެ ނަމަ، އެ ކަމަށް ރައްޔިތުން ރުހުން އޮތްތޯ ބެލުމަށް އިތުރު ވޯޓެއް ނަގަން ނުޖެހޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެންނަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ބިލު ބޭރުކޮށްލައިފި އެވެ.
މި ބިލު މަޖިލީހަށް ބަލައިގަތުމާ މެދު މަޖިލީހުގައި ނެގި ވޯޓުގައި 44 މެންބަރުން ވަނީ ދެކޮޅަށް ވޯޓު ދެއްވައިފަ އެވެ. ބަލައިގަންނަން ފެންނަން ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ހުރި ބައެއް ހުރަސްތައް ނައްތާލުމަށް ގާނޫނުއަސާސީގެ 262 ވަނަ މާއްދާ އިސްލާހުކުރަން ހުށަހެޅި ބިލުގައިވާ ގޮތުން ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އުމުރު، ރިޔާސަތުގެ ދައުރު ނުވަތަ ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް ތަސްދީގުކުރެވޭނީ ރައްޔިތުންގެ އަޣްލަބިއްޔަތު ވޯޓުން ލިބޭ ކަމަށްވާ ނަމަ އެވެ.
ނަމަވެސް، އެފަދަ ބަދަލަކީ މަޖިލީހުގެ ތެރެއިން ލިބިދޭ ބާރަކުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ފަހު ގެންނަ ބަދަލަކަށްވާ ނަމަ، ރައީސް އެ ބިލު ތަސްދީގުކުރެއްވުމުގެ ކުރިން އިތުރު ވޯޓެއް ނަގަން ނުޖެހޭ ގޮތަށް އިމްތިޔާޒް ވަނީ ހުށަހަޅުއްވައިފަ އެވެ.
މި ބިލު ބޭރުކޮށްލިއިރު ނިޒާމީ ވޯޓު ނަގަން ޑިމޮކްރެޓްސް އިން އިސްނަގައިގެން ކުރި މަސައްކަތްތައް ވަނީ މެދުކަނޑާލައިފަ އެވެ.